ބްރެޒީލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ޖަލު ބަންދުން ދޫކޮށްލައިފިއެވެ.
ޖަލު ބަންދުން ލޫލާ މިނިވަންވެވަޑައިގަތީ، ޖިނާއީ ކުށްވެރިން ޖަލުގައި ތިބެންޖެހޭނެ ހަމައެކަނި ގޮތަކީ އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ފަހަނައަޅާ ދިއުމަށް ފަހުގައި ކަމަށް ބްރެޒީލްގެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ދޮޅު އަހަރެއްހާ ދުވަހު ޖަލު ބަންދުގައި ހުންނެވުމަށްފަހު، ލޫލާ ދޫކޮށްލުމާއެކު އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ މަގުތަކަށް ނިކުމެ އުފާފާޅުކޮށްފައެވެ.
2003 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ބްރެޒީލްގައި ރައީސް ކަން ކުރެއްވި ވާތު-ފިޔައިގެ ލޫލާއަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި މަގުބޫލު ލީޑަރެކެވެ.
ލޫލާ ވަނީ އޭނާއަކީ މައުސޫމު މީހެއްކަން ސާބިތުކޮށްދޭނެ ކަމަށް އޭނާގެ ސަޕޯޓަރުންނަށް ވައުދުވެވަޑައިގެންފައެވެ. އަދި ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހުނީ ޝަރުއީ ނިޒާމު "ކުނިވެފައި" އޮތުމުގެ ސަބަބުން، ވާތު-ފިޔައިގެ މީހުންނަކީ ޖިނާއީ ކުށްވެރިންކަމުގައި ހެދުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުންކަމަށް ވިދާޅުވެ، ލުލާ ވަނީ ފާޑުވިދާޅުވެފައެވެ.
މިދިޔަ އަހަރު ބްރެޒީލްގައި އޮތް ރިޔާސީ އިންތިހާބުގައިވެސް ލޫލާއަކީ މަގުބޫލު ކެންޑިޑޭޓެކެވެ. ނަމަވެސް ލޫލާ ޖަލަށް ލެވުނީ އޭގެ ފަހުންނެވެ. މިއާއެކު ޖިނާއީ ރެކޯޑެއް އޮތް ލޫލާއަށް ދެން ބްރެޒީލްގައި އޮންނަ އެއްވެސް އިންތިހާބެއްގައި ވާދައެއް ނުކުރެއްވޭނެއެވެ.