ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ކުރީގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީގެ އަންހެނުންވެސް ހައްޔަރުކޮށްފައިވާކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

ބަގުދާދީގެ އަންހެނުން ހައްޔަރުކޮށްފައި މިވަނީ، އެމެރިކާއިން ހިންގި ވަރުގަދަ އަސްކަރީ ރެއިޑަކުން ސަލާމަތްވެވޭނެ ގޮތެއް ނެތި، އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ބަގުދާދީ މަރުވިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ.

ތުރުކީވިލާތުން ދާދިފަހުން ވަނީ، ބަގުދާދީގެ ދައްތައެއްވެސް ހައްޔަރުކޮށްފައިވާކަން އިއުލާންކޮށްފައެވެ.

ބަގުދާދީގެ އަންހެނުން ހައްޔަރުކޮށްފައިވާކަން ފުރަތަމަ ފަހަރަށް އިއުލާންކުރައްވަމުން ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވީ، އެހެން މީހުންނާ ހިލާފަށް ހައްޔަރުވުމަށް ބަގުދާދީގެ އަންހެނުން ގަދަ ހަދާފައި ނުވާކަމަށެވެ. ބަގުދާދީގެ ދައްތައެއްގެ އިތުރުން އޭނާގެ ޅިޔަނެއްވެސް މިހާރު ހުރީ ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ކަމަށްވެސް އުރުދުގާން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް އުރުދުގާން ހާމަކުރައްވާފައެއް ނުވެއެވެ.

އަބޫ ބަކުރު އަލް-ބަގުދާދީގެ ދައްތައެއް ކަމަށް ބުނެ ތުރުކީވިލާތުން ހައްޔަރުކުރި މީހާ/ފޮޓޯ: އަލްޖަޒީރާ

ތުރުކީވިލާތުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަގުދާދީގެ ޅީ ދަރިފުޅެއްވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ބަގުދާދީގެ އާއިލާ މެމްބަރުން ހައްޔަރު ކުރަމުންދަނީ އައިސިސް ޖަމާއަތާ ގުޅޭ ޖާސޫސީ މުހިންމު މައުލޫމާތުތަކެއް ހޯދުމަށްކަމަށް ތުރުކީވިލާތުން ބުނެއެވެ.

އެމެރިކާ ރެއިޑްގައި ބަގުދާދީ އަމިއްލައަށް މަރުވި ކަމަށް ބުނާއިރު، އައިސިސްގެ އިސް ތަރުޖަމާނުވެސް މަރާލާފައިވާކަމަށް ޚަބަރު ލިބެއެވެ. ބަގުދާދީގެ ހަށިގަނޑު މިހާރު ވަނީ ކަނޑު ފައްތާފައި ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ދިރިއުޅެމުންދިޔަ ގެ ރެއިޑްކޮށް ބިމާ ހަމަކޮށްފައި/ފޮޓޯ: ޕާތްނައު

ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ލޭބަލް އޮތް އައިސިސް ޖަމާއަތުގެ ލީޑަރުގެ ގޮތުގައި މިދިޔަ 5 އަހަރެއްހާ ދުވަހު ހުރި ބަގުދާދީގެ 4 އަނބިން ތިބި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނާއިރު، ތުރުކީވިލާތުން ހައްޔަރުކޮށްފައިވަނީ ކޮން އަތްބެއް ކަމެއް އަދި ސާފެއް ނުވެއެވެ.