ކ. ގިރިފުށީގައި ސިފައިން ތަމްރީނުގެ ތެރެއިން ޖެހި ބަޑީގެ ވަޒަނެއް ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ގިރިފުށީގައި ބަޑި ޖެހުމުގެ ޓްރެއިންނިން ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި އަނިޔާލިބުނު ފަރާތަށް އަނިޔާ ވެފައިވަނީ ތަނެއްގައި ޖެހި ބާރު ގޮސްފައިވާ ވަޒަނަަކުން ކަމަށާއި އެ ވަޒަން އޭމީހާގެ ކަރުގައި ކޭތިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެއީ "ރިކޮޝެޓް ބުލެޓެއް" ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އަދި މިހާރު އެމީހާ ސީ އެމްބިއުލަންސްގައި މާލެ ގެންނަ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ޒަހަމްވީ ފަތުރުވެރިއެއް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ޒަހަމްވި ފަތުރުވެރިޔާ ސީއެމްބިއުލަންސްގައި މާލެ ގެންނަނީ

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު އެފަރާތަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު ފަހު 15:28 ހާއިރު ކަމަށެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިހާރު އެމީހާ ވަނީ ޓްރީ ތޯޕް ހޮސްޕިތަލަށް ފަރުވާ ހޯދުމަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. ފޮޓޯއިން ފެންނަގޮތުގައި އެ ފަތުރުވެރިޔާގެ ކަރުގައި ޒަހަމްވިތަނުގައި ވަނީ ބޭސްވެސް އަޅާފައެެވެ.