އުތުރުގެ ރަށެއްގައި އޯޓިޒަމް ކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރި މައްސަަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، މިއަދު އެ ރަށުގެ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އޯޓިޒަމް ހުރި 13 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ކުއްޖާއަށް އަނިޔާ ކުރީ ކާކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މީހަކު ހައްޔަރު ކުރި ކަމެއްވެސް ނުވަތަ މީހަކަށް ނަސޭހަތްދީ ދޫކޮށްލި ކަމަކަށްވެސް ނުބުނެއެވެ.
މި މައްސަލައާ ގުޅިގެން "ދަ ޕަރެސް" އަށް މައުލޫމާތު ދެމުން އެ ރަށުގެ ކައުންސިލުން ވެސް ބުނެފައި ވަނީ އެކަން ފުލުހުން އިސް ނަގައިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ޖެންޑާއަށް ސުވާލުކުރުމުން އެ މިނިސްޓްރީން ބުނީ އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް އަނިޔާ ކޮށްފައި ވަނީ އެކުއްޖާގެ މަންމައެވެ. ސޯޝަލް މީޑިއާގައި އެ މައްސަލައާ ގުޅިގެން ދައުރުވާ ޕޯސްޓެއްގައި ވަނީ އެ އަންހެން މީހާ އޭނާގެ ދަރިފުޅު ގައިގާ ތެޅީ ކުނިކަހަން ގެންގުޅޭ ފިހިގަނޑަކުން ކަމަށާއި ކުއްޖާ ވަރަށް ބާރަށް ރޯތީ އަވައްޓެރިން އެގެއަށް ދިޔަ ނަމަވެސް އޭނާގެ މަންމަ ދޮރު ލައްޕާ ތަޅުލި ކަމަށް އެ ޕޯސްޓުގައި ލިޔެފައި ވެއެވެ. އަދި އެކަން އަވައްޓެރިން ފުލުހުންނަށް އެންގިކަމަށްވެސް ބުނެއެވެ.
އުމުރުން 13 އަހަރުގެ އެ ކުއްޖާއަށް އަނިޔާލިބުނެ މީ ކިތަންވަނަ ފަހަރުކަމެއް، އަދި އެ ކުއްޖާގެ ހާލަތެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. ކަމާ ގުޅުން ހުރި ފަރާއްތަކުން އެފަދަ މައުލޫމާތެއް ހާމަ ކުރުމަށް އުޒުރުވެރިވެއެވެ.
ރާއްޖެގައި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ސަގާފަތެއް ހިނގަމުން އައިސްފައި ވީނަމަވެސް ކަމާބެހެ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމުގެ ނަތީޖާ 'ހިތި' ވެގެން ދިޔަ ކިތަންމެ ހާދިސާއެއް ހިނގާފައި އެބަހުއްޓެވެ. އޭގެ އެއްހާދިސާއަކީ 2014 ވަނަ އަހަރު ތެރޭގައި ނިޔާވި 3 އަހަރުގެ އިބްތިހާލުގެ ހާދިސާއެވެ.
ޖެންޑާއަށް ނޭނގެންވީ ކީއްވެ. އެމީހުންނަށް އެނގޭނީ ވާނެ އެއްޗެއް ވީމަ