ވ. ރަކީދޫގައި ސްކޫލެއް ގާއިމު ކުރާނަމަ، ނަން ދޭންވީ އިބްތިހާލުގެ ނަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ހާޒިރުކޮށް ސުވަލާ ޖަވާބު ކުރިއަށް ދިޔަ މައުޟޫގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރަށުގައި ސްކޫލެއް ގާއިމުކުރާނަމަ، އެ ސްކޫލަށް އިބްތިހާލްގެ ނަން ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އިބްތިހާލަކީ، 2015 އަހަރު އެރަށުގައި އަނިޔާވެރިކޮށް މަރާލި އުމުރުން 3 އަހަރުގެ ކުޑަކުއްޖެއެވެ.
ވޭތުވެދިޔަ 12 އަހަރު ވ. ރަކީދޫގައި ސްކޫލެއް ނެތް މައްސަލަ ފާހަގަ ކުރައްވަމުން ސަރުކާރުން އެރަށާ މެދު ގެންގުޅޭ ޕްލޭން އޮޅުންފިލުވައި ދިނުމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރެއްވުމުން ވިދާޅުވީ، ރަކީދޫއަށް ޒިޔާރަތް ކުރެއްވުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، އެރަށުން ފެނުނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ. އެހެންކަމުން ރަކީދޫގައި ސްކޫލެއް ގާއިމު ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމާ ގުޅޭ ސާވޭ އެއް މިހާރު މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވިއެވެ.
ވ. ރަކީދޫއަށް އުފަން ތިން އަހަރުގެ މުހައްމަދު އިބްތިހާލް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނީ 2015 ވަނަ އަހަރު އޭނާގެ ގޭ ތެރެއިންނެވެ. އިބްތިހާލްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށެވެ. އާފިޔާގެ މައްޗަށް ކުރަނީ ދެ ދައުވާއެކެވެ. އެއީ ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އިބްތިހާލު މަރާލިތާ 4 އަހަރުވެގެން ދިޔަ އިރު އަދިވެސް އެ މައްސަލަ ވަނީ ވަކި ގޮތަކަށް ނުނިމިއެވެ.
އިބްތިހާލު މަރާލި ދުވަހު ކުރި އަނިޔާތައް ވަރަށް ތަފްސީލުކޮށް އާފިޔާގެ އިއުތިރާފު ބަޔާނުން ދޭހަވެއެވެ. އެ ބަޔާނުގައި އޭނާ ބުނެފައި ވަނީ އިބްތިހާލަށް އަނިޔާ ކުރީ ބުދެއް ބޭނުން ކޮށްގެން ކަމަށެވެ. އަދި އެ ތަހުގީގު ބަޔާން ޝަރީއަތަށް އިއްވުމުން އެ ބަޔާނަށް އޭނާ އިއުތިރާޒެއް ވެސް ނުކުރެއެވެ.
އިބްތިހާލުގެ މަރާ ގުޅިގެން ކްރައިމް ސީން ރިޕޯޓު ތައްޔާރު ކުރި ފުލުހުން އޮފިސަރު، މިދިޔަ މަހުގެ 30 ވަނަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ އިބްތިހާލުގެ ހަށިގަނޑުގައި ދުވަސްވީ ލަކުނާއި ގިނަ ވަގުތު ނުވާ ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ. ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ބުނީ ކަންފަތާއި ކުރިމަތި ފަރާތް އަދި ކަރުގައިވެސް ގިނަ އިރުތަކެއް ނުވާ ޒަހަމްތަކެއް ހުރި ކަމަށެވެ.