ތައިލޭންޑްގެ ދެކުނުގެ ސަރަހައްދުތަކުގައި އަޅާފައިވާ ޗެކްޕޮއިންޓްތަކަކަށް އަމާޒުކޮށް ބަރު ހަތިޔާރު ބޭނުންކޮށްގެން ބަޔަކު ދިން ހަމަލާތަކެއްގައި 15 ވޮލަންޓިއާ އޮފިސަރުން މަރުވެއްޖެއެވެ.

ތައިލޭންޑްގެ ފުލުހުންގެ ކާނަލް ތަވީސާކް ތޮންގްސޮންގްސީ ވިދާޅުވީ ޗެކްޕޯސްޓްތަކަށް ހަމަލާދިނީ ކިހާ މީހުންނެއްކަންވެސް އަދިވެސް ސާފު ނުވާކަމަށާ، މި ހަމަލާތަކުގައި އިތުރު 5 މީޙަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

ތައިލޭންޑްގެ ޔަލާ ޕްރޮވިންސްގައި ދިން ހަމަލާތަކުގައި 11 އޮފިސަރަކު މަރުވީ ހަމަލާ ދިން ވަގުތު ކަމަށާ، ދެން މަރުވި ވޮލަންޓިއާ އޮފިސަރުން މަރުވީ ޔަލާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ތައިލޭންޑްގެ މިޑިއާ ރިޕޯޓްތައް ބުނެއެވެ.

އިތުރު ދެ އައުޓްޕޯސްޓަކަށްވެސް ހަމަލާދީފައިވާ ކަމަށާ ނަމަވެސް އެތަންތަނުން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ޔަލާ ޕްރޮވިންސުން ކަރަންޓް ކަނޑާލުމުގެ މަގުސަދުގައި، ކަރަންޓް ހޮޅިދަނޑިއެއް ކައިރީގައި ގޮވާ އެއްޗެއް ބާއްވާފައި އޮއްވާވެސް ފެނިފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. ޔަލާ ޕްރޮވިންސަށް އިތުރު ވެހިކަލްތަކަކަށް ނުވަދެވޭނެ ގޮތް ހެދުމަށްޓަކައި އެ ޕްރޮވިންސްގެ މައި ހައިވޭގެ އެކި ހިސާބުތަކަށް މޮހުރު އަޅާފައި ހުރި ކަމަށްވެސް ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ސްކޫލެއްގެ ތެރޭގައި ރޯކޮށްފައި ހުރި ޓަޔަރުތަކެއްވެސް އަނދަމުންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ޚަބަރު ލިބޭ ގޮތުގައި ހަމަލާ ދިން ފަރާތްތަކުން ވަނީ 3 ރެސްކިއު ވެހިކަލަށް ގެއްލުންދީ، އޭގައި ހުރި ހަތިޔާރުތައްވެސް ނަގާފައެވެ.

ތައިލޭންޑްގައި މިހާރު އުފެދިގެން އުޅޭ ހަމަނުޖެހުންތަކަކީ އަސްކަރިއްޔާގެ ތަހުގީގަކަށް ހައްޔަރު ކުރި މީހަކަށް ދިން އަނިޔާތަކެއްގައި އޭނާ ކޯމާއަކަށް ގޮސް އެ އަނިޔާތަކުގައި އޭނާ މަރުވެދިއުމާ ގުޅިގެން އުފެގެން އުޅޭ ހަމަނުޖެހުންތަކެއް ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް އެ ބުނާ މީހަކަށް ލާއިންސާނީ އަނިޔާ ދީފައިވާކަމުގެ އެއްވެސް ހެއްކެ ނެތްކަމަށް ތައިލޭންޑްގެ އަސްކަރިއްޔާއިން ދަނީ ބުނަމުންނެވެ.