2018 ވަނަ އަހަރަކީ ނަސްލީ ފަރަގުތަކާއި ގުޅިގެން ދިން ޓެރަރިސްޓް ހަމަލާތައް ކަންބޮޑުވާ ދަރަޖައަކަށް އެމެރިކާއާއި މުޅި ދުނިޔޭގައިވެސް އިތުރުވެގެން ދިޔަ އަހަރެއް ކަމަށް އެމެރިކާގެ ހާރިޖީ ވުޒާރާއިން ބުނެފިއެވެ.

ނަސްލީ ފަރަގުތަކުން ޓެރަރިޒަމަށް މަގުފަހިކޮށްގެން ދިން ހަމަލާތައް ދިފައިވަނީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ބޭނުންކުރާ އުކުޅުތައް ބޭނުންކޮށްގެން ކަމަށްވެސް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ހާރިޖިއްޔާގެ ކައުންޓާޓެރަރިޒަމް ކޯޑިނޭޓަރު ނޭތަން ސޭލްސް ވިދާޅުވީ، ދީނީ ގޮތުން ހަރުކަށިފިކުރު ގެންގުޅުނު ބައެއްގެ ކިބައިން އުފެދުނު ޓެރަރިޒަމްގެ އަމަލުތަކާ އެއްގޮތަށް ނަސްލީ ފަރަގުން އުފެދުނު ޓެރަރިޒަމްވެސް އުފެދިފައިވަނީ ޒާތީ ތައައްސުބަކާ ގުޅިގެންކަމަށެވެ.

ކޮންމެ ގޮތަކަށް ކަން އޮވެ، ކޮންމެ ހިސާބަކުން އުފެދިގެން އައި އަމަލަކަށް ވީ ކަމުގައި ވީ ނަމަވެސް ޓެރަރިޒަމްގެ ހުރިހާ އަމަލަކާ ދެކޮޅަށް އެމެރިކާއިން ކުރިމަތިލާނެ ކަމަށްވެސް އެމެރިކާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

މިއަހަރު އެމެރިކާގެ މަސްރަހުވެސް އޮތީ މިފަދަ ގޮތަކަށް ކަން ސޭލްސް ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާގެ އެކި ހިސާބުތަކުގައި މިއަހަރުގެ އެކި ދުވަސްވަރު މަތިން ބަޑީގެ ހަމަލާތައް ދީ، ގިނަ ބައެއްގެ ފުރާނަ ދުއްވާލުމުގެ އަމަލުތައް ހިންގާފައިވާއިރު ފުރާނައަށް ގެއްލުންދެނިވި ބަޑި ފަދަ ހަތިޔާރު ގެންގުޅުން މަނާ ކުރުމާ ބެހޭ ފުރިހަމަ ގާނޫނެއް އެގައުމުގައި އަދިވެސް އެކުލަވާ ލެވިފައެއް ނުވެއެވެ.

ޓެރަރިޒަމްއާއި ގުޅުންހުރި އިތުރު އަމަލުތަކުގެ ތެރޭގައި ނިއުޒީލަންޑްގެ މިސްކިތަކަށް އަމާޒުކޮށް ބަޑީގެ ހަމަލާދީ 50 އަށްވުރެ ގިނަ މީހުން މަރާލި ހާދިސާއާއި ސްރީލަންކާގެ އެކި ހިސާބުތަކަށް ބޮމުގެ ހަމަލާތަކެއްދީ، 250 އަށްވުރެ ގިނަ މީހުން މަރާލި ހާދިސާ ފާހަގަކުރެވެއެވެ.