ގައުމުތަކުން ރަށްވެހިކަން ބާތިލުކޮށްފައި އޮތް ނަމަވެސް، ހައްޔަރު ގައި ތިބި އައިސިސްގެ ގައިދީންތައް އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލާނެ ކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ތުރުކީވިލާތުގެ ދާހިލީ ވަޒީރު ސުލައިމާން ސޮއީލޫ ވަނީ، އައިސިސްއާއި ގުޅުނު މީހުންގެ ރަށްވެހިކަން ބާތިލުކުރުމަށް ވިލާތުގެ ބައެއް ގައުމުތަކުން ގެންގުޅެމުންދާ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ތުރުކީވިލާތުން މިހާރު ދަނީ ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިން ބަލިކުރުމުގެ ނަމުގައި ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ނަމަވެސް މިފަދަ އިޕަރޭޝަނެއް ހިންގުމަކީ އެ ސަރަހައްދުގައި ތިބި އައިސިސްގެ ގައިދީންނާ މެދު ބޮޑު ކަންބޮޑުވުންތަކެއް އުފެއްދި އޮޕަރޭޝަނެކެވެ.

ކުރުދީ ހަނގުރާމަވެރިންނަކީ ސޫރިޔާގައި ހަރަކާތްތެރިވާ އައިސިސް ހަނގުރާމަވެރިން ބަލިކުރުމަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ފައުޖުތައް ކަމަށްވާއިރު، ކުރުދީ ހަނގުރާމަވެރިން ސޫރިޔާއިން ބޭލުމަކީ އައިސިސްއަށް ކުރިއަރަން ލިބޭނެ ފުރުސަތެއް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

މިކަމަށް ބެލުމެއް ނެތި ތުރުކީވިލާތުގެ އޮޕަރޭޝަން އެގައުމުން ކުރިއަށް ގެންދާއިރު، ތުރުކީވިލާތުގެ ކޮންޓްރޯލްގެ ދަށަށް އަންނަ އައިސިސްގެ މެމްބަރުންނާ އެ ޖަމާއަތުގެ ދަށުގައި ތިބި އައިސިސް ގައިދީންތަކަކީ އެބައެއްގެ އަމިއްލަ ވަޒަނަށް ފޮނުވާލާނެ ބައެއް ކަމަށް ތުރުކީވިލާތުގެ ދާހިލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އައިސިސްއާއި ގުޅުމަށް އަމިއްލަ ވަޒަން ދޫކޮށް މެދުއިރުމައްޗަށް ބަދަލު މީހުންނަކީ ބައެއް ގައުމުތަކުން ކަނޑައަޅާފައިވާ ގޮތުގައި ޓެރަރިސްޓުންނެވެ. އަދި އެމީހުންގެ އަމިއްލަ ވަޒަނުގައި އޮތް ރަށްވެހިކަން މިހާރު ވަނީ ބާތިލުވެސް ކޮށްފައެވެ.