ރޭ ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެގެންނަ ކަމަށް އެރަށު ހޮސްޕިޓަލުން މައުލޫމާތުދީފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މިހާދިސާ ހިނގި ވަގުތު ދުއްވަން އިން ޒުވާނާއަށް ފުވައްމުލަކު އައިސީޔޫގައި ފަރުވާ ދިން ނަމަވެސް އޭނާ އަދިވެސް ހޭ ނާރާ ކަމަށެވެ. އަދި އިތުރު ފަރުވާ އަށް މާލެ ގެންނަން މަސައްކަތް ކުރަމުން ދާ ކަމަށްވެސް ހޮސްޕިޓްލުން މައުލޫމާތު ދެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ސްޕީޑް ބްރޭކަރެއްގައި ޖެހި ކޮންޓްރޯލް ނުވެ ސައިކަލް ވެއްޓުމުގެ ސަބަބުން ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ ރޭ 11:50 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ 26 އަހަރުގެ ދިވެހި ފިރެހެނަކަށް ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ލައިސަންސް އޮންނަ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.