ގާނޫނު އަސާސީގެ ދަށުން އަދުލު އިންސސާފު ގާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ކޯޓުތަކަށް ކަމަށް ބުނެފައިވީ ނަމަވެސް ޝަރުއީ ކޯޓުތަކުގެ ކަންކަމާއި، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި، ދަތިކުރުމުގެ ބީދައިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކުގެ އެތެރޭގެ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތްބާނަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެއެވެ.

މީގެއިތުރުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ކޯޓުތަކުގެ އިދާރީ އެންމެހައި ކަންކަން އެ ޑިޕާޓްމެންޓުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމުގެ ޝަކުވާ ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ގާނޫނު އަސާސީގެ 155 ވަނަ މާއްދާ އާއި 156 ވަނަ މާއްދާއިން އެނގޭ ގޮތުގައި ޝަރުއީ ކޯޓުތައް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކުގެ އިތުރުން ކޯޓުތަކުގެ ހިންގުމާއި އިދާރީ ކަންކަމާ ބެހޭ ގަވާއިދުތައް ހެދުމަކީ ކޯޓުތަކަށް އޮންނަ ބާރެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން ކޯޓުތަކުގެ އިދާރީ އެއްވެސް ކަމަކާ ބެހޭގޮތުން އެއްވެސް އުސޫލެއް ހެދުމަކީ ނުވަތަ އެއއްވެސް ސިފައެއްގައި ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމަކީ ޖޭއެސްސީ އަށް ވިޔަސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވިޔަސް އަދި ދައުލަތުގެ އެހެން އެއްވެސް ފަރާތަކަށް ނުވަތަ އިދާރާއަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސުޕްރީމް ކޯޓެކޭ އެއްގޮތަށް ހައިކޯޓާއި ސްޕީރިއާ ކޯޓުތަކުގެ އިދާރީ ހިންގުން އޮންނަން ވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރުގެ ބެލުމުގެ ދަށުން ކަން ގާނޫނުން ސާފުވާ ކަމަށާއި އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި އެ ދައުރު އޮތީ އިސް މެޖިސްޓްރޭޓަށްކަން ވެސް އެނގޭ ކަމަށެވެ.

ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމުގެ ބާރެއް އެއްވެސް ގާނޫނަކުން ޖޭއެސްސީއަށް ވެސް ޑީޖޭއޭއަށް ވެސް އަދި އެހެން ކޮމިޓީއަކަށް ވެސް ދީފައިނެތް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޑީޖޭއޭއަކީ ކޯޓުތަކުގެ އާންމު އިދާރީ ނިޒާމުގެ ކަންކަން ސެންޓްރަލް ލެވެލްގައި ބަލަހައްޓައި ސުޕްރީމް ކޯޓުގެ އިރުޝާދާއި ޖުޑީޝަލް ކައުންސިލްގެ ސިޔާސަތުތަކާ އެއްގޮތަށް އަދި ކޯޓުތަކުގެ މަޝްވަރާގެ މަތިން ކޯޓުތަކުން އެދޭ ގޮތެއްގެ މަތިން އަދާކުރުމަށްޓަކައި އުފައްދާފައިވާ އިދާރާއެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އެއްވެސް ކޯޓެއްގެ ކޯޓް ލެވެލް އެޑްމިނިސްޓޭޝަންގެ އެއްވެސް ޒިންމާއެއް އެ އިދާރާއާ ހަވާލު ކުރެވިފައި ނުވާނެ ކަމަށް ވިދާޅުވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނު އަސާސީއާ ގާނޫނުތައް ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ކޯޓުތަކުން އަދާ ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.