އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ، މިނިވަންކަމާއި މުސްތަގިއްލު ކަމާ އެކުގައި މިނިވަން ފަނޑިޔާރުގެއްގެ ހިޔާވަހިކަން އެއްވެސް ދިވެހި ރައްޔިތަކު ތަފާތު ކުރުމެއް ނެތި ފޯރުކޮށްދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްމަތަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޝަރުއީ ކޯޓުތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ހިނގާ ތަނެއްގެ ގޮތުގައި ނުހެދޭނެ ކަމަށެވެ. އަދި އެކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެ ގާނޫނުއަސާސީން އެކަށައަޅާ ގާނޫނުގެ ހުކުމް ދެމި އޮތްހާ ދުވަހަކު ހިނގާނެ ކަމެއް ނޫން ކަމަށްވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ ބަޔާނުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމުގެ މައްޗަށް އުއްތަމަ ފަނޑިޔާރުގެ ބާރެއް ނުހިނގާނެ ގޮތަށް ނިޒާމު ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނާނެ ގޮތަށް ހެދުން ފަދަ ކަމެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެފަދައިން އަމަލުކުރުމަކީ އެކަމުގެ ސަބަބުން ސުޕްރީމް ކޯޓުގެ ބާރުކެނޑި ގާނޫނުއަސާސީން އެކޯޓަށް ދީފައިވާ ހައިސިއްޔަތާއި ދައުރު ނިގުޅައިގަނެ މުޅި ޝަރުއީ ދާއިރާއާ ޝަރުއީ ކޯޓުތައް ނިކަމެތިކޮށް ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅާ ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބު އަދާ ކުރުމަށް ދަތިކޮށް، އަދުލު އިންސާފުގެ މުޅި ނިޒާމު ފުނޑުފުނޑު ކޮށްލުމުގެ ގޮތުން ހިންގޭ ޣައިރު ގާނޫނީ އަދި ޣައިރު ދުސްތޫރީ އަމަލުތަކެއް ކަމަށެވެ.
ބަޔާނުގައި އިތުރަށް އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުރިހާ ފަނޑިޔާރުންނަކީވެސް ގާނޫނުއަސާސީއާ ގާނޫނުތައް ނެގެހެއްޓުމުގެ ދުސްތޫރީ ޒިންމާ އަދާކުރުމަށް ހުވާ ކޮށްގެން ތިބޭ ފަރާތްތަކެއް ކަމަށެވެ. ގާނޫނުއަސާސީ މާނަކޮށް ތަފްސީރު ކުރުމުގެ ދުސްތޫރީ އަދި ގާނޫނީ ހައިސިއްޔަތެއް ނެތް ފަރާތްތަކުން ހިތަށް އެރި ގޮތަކަށް މާނަކޮށް އޭގެ ހުރުމަތާއި ހައިބަތު ގެއްލުވާލަން އޮތް އެއްޗެއް ކަމުގައި ވެގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.