ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީއަށް ކައުންސިލްތައް ނުލިބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވަން ނިންމަވާ އަސްލަމަށް ތާއީދު ހޯއްދެމަށް ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ލާމަރުކަޒީކޮށް މިރާއްޖެ ހިންގުމަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް ވައުދު ކަމަށާއި އަދި އެމްޑީޕީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

އެގޮތުން އަސްލަމް ފާހަގަކުރެއްވި އެންމެ މުހިއްމު ކަމަކީ ސަރުކާރަށްވެސް، އެމްޑީޕީއަށްވެސް ލާމަރުކަޒީ ނިޒާމަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީއަށް ކައުންސިލްތައް ނުލިބި ދިއުން ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއަށް އަލުން އަނބުރާ ގެނައުމަށްޓަކައި އެނިޒާމަށް ގެންނަށް ބަދަލަކީ މުޅި ރާއްޖެއަށް ގެނެވޭނެ ބޮޑު ބަދަލެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މި ނިޒާމަށް ބަދަލުތަކެއް އަންނައިރު އެންމެ މުހިއްމު ކަމަކީ ކައުންސިލްތަކަށް ބާރުތަކެއް ލިބިގެން ދިއުން ކަމަށް ވާއިރު، ދަތިތަކުން އަރައިގަން ނައިރު ކައުންސިލްތައް ދޫކޮށްނުލުމަށް އަސްލަމް އެދިވަޑައިގެންނެވިއެވެ.

އަދި މިހާރު ދެނުކުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ މައިގަނޑު ގޮތެއްގައި ރައްޔިތުންގެ ހުރީ އެއް ޝަކުވާތަކެއް ކަމަށާއި، އެގޮތުން ވަޒީފާ ހޯދުމުގެ ދަތިކަމާއި، މަޝްރޫއުތައް މަޑު ޖެހިފައި އޮތުން ކަމަށް އަސްލަމް ވިދާޅުވިއެވެ. ތަނަވަސްކަން ކުޑަވެފައިވާ ކަމަށް ރައްޔިތުންނަށް މިއަދު ކުރެވޭ އިޙްސާސްތަކަށް ވަރަށް އަވަހަށް ނިމުމެއް ގެނެވޭނެ ކަމަށްވެސް އަސްލަމް ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރުގެ ތަރައްޤީގެ އެކްޝަން ޕްލޭން މިހާރު ނިމި، ވަކި ވަކި މަޝްރޫއުތައް އެކުލަވާލެވި 2020 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅާފައި ވާއިރު، ބަޖެޓަށް ބަހުސް ކުރަން ފެށުމާ އެކު މަޝްރޫއުތަކުގެ ތަފްސީލްތައް ރައްޔިތުންނަށް އެނގިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.