ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީންގެ ތެރެއިން 400 އެއްހާ މީހުން، އަމިއްލަ އިހުތިޔާރުގައި ބަންގާޅު ދޫކޮށް މިޔަންމާއަށް ބަދަލުވެއްޖެ ކަމަށް މިޔަންމާ އެމްބަސީއިން ހާމަކޮށްފިއެވެ.

އަސްކަރިއްޔާގެ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް މިޔަންމާ ދޫކޮށް ރެފިއުޖީންގެ ގޮތުގައި ބަންގާޅަށް އެތެރެވި ރޯހިންޏާ ދަރިކޮޅުގެ މީހުން އަނބުރާ މިޔަންމާއަށް ފޮނުވާލުމަށް މިހާތަނަށް ދެ ފަހަރެއްގެ މަތިން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާއިރު، މިޔަންމާ އެމްބަސީއިން ބުނި ގޮތަށް 400 އެއްހާ ރެފިއުޖީން އެނބުރި މިޔަންމާއަށް ގޮސްފައިވާކަން ނުވަތަ ނޫންކަން އަދި ބަންގްލަދޭޝްއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިޔަންމާ އެމްބަސީއިން ވަނީ ބަންގާޅު ދޫކޮށް މިޔަންމާއަށް އެތެރެވި ރޯހިންޏާ ރެފިއުޖީންނަށް އެ ގައުމުން ކިއީ "ހޫނު މަރުހަބާއެއް" ކަމަށް ބުނެ، އެކަން ފެންނަ ކަމަށް ބުނާ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ ޢަބްދުލް މޫމިން ވިދާޅުވީ މިޔަންމާގެ އެމްބަސީއިން ދައްކާފައިވާ ވާހަކަތަކަކީ ސައްހަ ވާހަކަތެއްކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ.

ރޯހިންޏާ ދަރިކޮޅުގެ ލީޑަރުންވަނީ އެދަރިފަސްކޮޅަށް ފުރިހަމަ ސަލާމަތާ ރައްކާތެރި ކަށަވަރު ވުމުގެ ކުރިން މިޔަންމާއަށް އެތެރެ ނުވާނެ ކަމަށް ބުނެފައެވެ. އަދި ދާއިމީ ރަށްވެހިކަން ނުލިބެނީސްވެސް މިޔަންމާއަށް ނުދާނެ ކަމަށް ރޯހިންޏާ ދަރިކޮޅުން ވަނީ ކަނޑައަޅާފައެވެ.

ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން ބަންގްލަދޭޝްގައިވެސް ދިރިއުޅެނީ ނިކަމެތި ހާލެއްގައެވެ. މިޔަންމާއަށް ރެފިއުޖީން ބަދަލު ކުރުމަށް ކުރި މަސައްކަތްތައް ފެއިލްވި ހިސާބުން ބަންގާޅުންވަނީ ރެފިއުޖީން ދިރިއުޅޭ ސަރަހައްދުތަކުން އިންޓަނެޓްގެ ހިދުމަތްވެސް މެދުކަނޑާލާފައެވެ. އަދި ރެފުއުޖީންނަށް ތިބެވޭނެ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދު ވަކިކޮށް، އެ ސަރަހައްދުތަކުގައި ނަރުދަލުގެ ފެންސެއް ޖަހަން ރާވާފައިވާކަމަށްވެސް ބަންގްލަދޭޝްއިންވަނީ ބުނެފައެވެ.

މިޔަންމާއިން ބުނާ ގޮތުގައި ރޯހިންޏާ ދަރިކޮޅުގެ އާބާދީ ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ. ނަމަވެސް ބަންގްލަދޭޝްއިން ބުނާ ގޮތުގައި އެއީ ބަންގްލަދޭޝްގެ ބައެއް ނޫނެވެ. އެހެންކަމުން މިޔަންމާ ދަރިކޮޅުގެ މީހުން ވެފައި ވަނީ ރަސްމީ ސިފައެއްގައި، އެއްވެސް ގައުމަކުން ދާއިމީ ރަށްވެހިކަން ލިބިފައި ނުވާ ރެފިއުޖީންތަކަކަށެވެ.