ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ބާނީ އަބޫ ބަކުރު އަލް-ބަގުދާދީ މަރުވިކަން އެ ޖަމާއަތުން ފުރަތަމަ ފަހަރަށް ކަށަވަރު ކޮށްދީ، އައިސިސް ޖަމާއަތުގެ އާ ލީޑަރުގެ ނަން އިއުލާންކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުން އަންނަ ޓެލެގްރާމް މެސެޖިންގް އެޕްލިކޭޝަން ބޭނުންކޮށްގެން އައިސިސްގެ އައުޓްލެޓަކުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ 'ހިލާފަތު'ގެ އާ ލީޑަރަކީ އަބޫ އިބްރާހީމް އަލް-ހާޝިމީ އަލް-ގުރައިޝީ ކަމަށެވެ.

ސޫރިޔާގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ އަސްކަރީ ފައުޖުތަކުން ބަގުދާދީ ޓްރެކްކޮށް، ހިންގި ވަރުގަދަ ރެއިޑެއްގައި އޭނާ މަރާލީ މިދިޔަ ހަފުތާ ބަންދުގެ ފަހުކޮޅުއެވެ. ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި ބަގުދާދީ ދިރިއުޅެމުންދިޔަ ސަރަހައްދު ރެއިޑުރުމާއެކު ފިލަންވެގެން ވަތް ހޮހަޅައެއްގެ ތެރެއިން ސަލާމަތްވާނެ ގޮތެއް ނެތުމުން، އޭނާ މަރުވީ ގޮވާތަކެތި ހަރުކޮށްފައިވާ ވެސްޓެއް ލައިގެން ހުރެ، އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

އިރާގުންވަނީ ބަގުދާދީ މަރާލުމަށްފަހު ދެއްކި ބަޔަކަށް 25 މިލިއަން ޑޮލަރުގެ ބަދަލެއް ދޭނެ ކަމަށްވެސް ބުނެފައެވެ.

އައިސިސްއިން ވަނީ އެ ޖަމާއަތުގެ ތަރުޖަމާނު އަބޫ އަލް-ހަސަން އަލް-މުޖާހިރުވެސް މަރުވެފައިވާކަން އިއުލާންކޮށްފައެވެ. އޭނާ މަރުވެފައިވަނީ ބަގުދާދީ މަރާލިތާ ވަގުތުތަކެއް ފަހުން އެމެރިކާގެ އަސްކަރިއްޔާއާއި ސޫރިޔާގައި ހަރަކާޓްތެރިވާ ކުރުދީ ހަނގުރާމަވެރިން ގުޅިގެން ހިންގި ރެއިޑެއް ކަމަށްވެސް އައިސިސްއިން ވަނި ހާމަކޮށްފައެވެ. ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ އަބޫ އަލް-ހަސަން އަލް-މުޖާހިރަކީ ބަގުދާދީއަށްފަހު އައިސިސްގެ ވެރިކަމާ ހަވާލުވާނެ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރި އެކަކެވެ.

އައިސިސް ޖަމާއަތުގެ ތަރުޖަމާނަކަށް މިހާރު ކަނޑައަޅާފައިވަނީ އަބޫ ހަމްޒާ އަލް-ގުރައިޝީއެވެ. އޭނާ ވަނީ އައިސިސްގެ އާ ލީޑަރު އަބޫ އިބްރާހީމް އަލް-ހާޝިމީއަށް ބައިއަތު ހިފުމަށް މުސްލިމުންނަށް ގޮވާލާފައެވެ.

އަބޫ އިބްރާހީމް އަލް-ހާޝިމީއަކީ ސަލާމަތީ ބާރުތަކާ ރައްޓެހި ނަމެއް ނޫނެވެ. އޭނާއާއި ބެހޭ މާ ބޮޑު ތަފްސީލެއް އައިސިސްއިން އާންމުކޮށްފައި ނުވާއިރު، އޭނާގެ ފޮޓޯގަނޑެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

އައިސިސްއިން ބުނިހާވެސް އެއްޗަކީ އަބޫ އިބްރާހީމް އަލް-ހާޝިމީ އަކީ "ޖިހާދު"ގެ މައިދާނުގައި ވަރުގަދަ ހަނގުރާމަވެރިއެއް ކަމެވެ. އެގޮތުން އޭނާއަކީ އެމެރިކާއާއި ދެކޮޅަށް އައިސިސްއިން ކުރި ހަނގުރާމަތަކުގައި ހަރަކާތްތެރިވި މީހެއްކަމަށް އައިސިސްއިން ބުނެއެވެ.