ގދ. ހޯޑިގަލާ ކައިރިން ބަންޑުން ޖަހާލި ދޯނީގައި ތިބި ދެމީހުން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ދެ ދިވެހިންނާ އެކު ދަތުރު ކުރަމުން ދިޔަ "އިބާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް މިރޭ 10:21 ހާއިރު އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއާއެކު މީހުން ހޯދަމުން ދަނިކޮށް ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި ދެމީހުން ސަލާމަތުން ތިއްބާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ދޯންޏަކީ 46 ފޫޓުގެ މުދާ އުފުލާ ދޯންޏެކެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ، މިރޭ 8 އިން ފެށިގެން މާދަމާ ރޭ 8 އާ ދެމެދު، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން، ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ކަނޑުުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.