ޕޯސްޓް ނުވަތަ ކުރިއާ ސާވިސް މެދުވެރިކޮށް އެތެރެކުރާ ޕާރްސަލް ނުވަތަ ޕެކޭޖްތައް ކަސްޓަމުން ފާސްކުރުމަށްފަހު އެކަން ރަމްޒުކޮށްދޭ ހާއްސަ ސްޓިކާއެއް ޖަަހަން ނިންމައިފިއެވެ.

ކަސްޓަމުން ބުނީ، ޕޯސްޓް އަދި ކިރިއާ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ޕެކޭޖް ނުވަތަ ޕާރުސަލް ހުޅުވައިގެން ބަލާ ފާސްކުރާ ހާލަތުގައި އެ ސާވިސުން ޗެކްކޮށް ނިމުމުން ކަސްޓަމްސްގެ ސްޓިކާއެއް ޖަހަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތަށް އަމަލު ކުރަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށާއި، އަދި އެ ސްޓީކާ ޖެހުމަށް ހަމަޖެހިފައިވަނީ މުދަލުގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ތަމްސީލު ކުރާނެ ފަރާތެއް ހާޒިރުނުވާ ހާލަތުގައި ލޯކަލް ކުރިއާ އެޖެންޓުގެ ހާޒިރުގައި ކަމަށް ކަސްޓަމުން މައުލޫމާތު ދެއެވެ.

މި ސްޓިކާ ޖަހަނީ އެ ޕާރުސަލެއް ނުވަތަ އެ އައިތަނެއް ޗެކްކޮށް ނިމި ލޯކަލް އެޖެންޓް، އެ ޕެކޭޖް ބަންދުކުރުމުން އެ ޕެކޭޖް ބަންދުކުރި ޓޭޕް މަތީގައި ހުރަސްވާ ގޮތަށް ކަމަށް ކަސްޓަމުން ބުނެއެވެ. އަދި އެ ސްޓިކާގައި އެ ޕެކޭޖް ހުޅުވި ތާރީހާއި ގަޑި ނޯޓުކޮށް ކަސްޓަމްސްގެ އިޖުރާއަތްތައް ފުރިހަމަކަން އެނގޭނެގޮތަށް ކަސްޓަމުން ސޮއިކުރާނެ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމުން ބުނީ، އެ ފަރާތުން ބަލާ ފާސްކުރިކަން ދޭހަވާގޮތަށް އެއްވެސް އެހެން ފަރާތަކުން ކަސްޓަމްސްގެ ނަން ބޭނުންކޮށްގެން މުދަލުގެ ބޭރުގައި ޓޭޕް އަޅައި ސްޓިކާ ފަދަ ތަކެތި ހަރުކޮށް ހެދުމަކީ މަނާކަމެއް ކަމަށެވެ.

ރާއްޖެއަށް އެތެރެކުރަން މަނާތަކެތި ޕޯސްޓު ނުވަރަ ކުރިއާ ސާވިސް މެދުވެރިކޮށް ބައެއް ފަރާތްތަކުން އެތެރެކުރެއެވެ. މިފަދައިން އެތެރެ ކުރާ ބައެއް ތަކެތި ކަސްޓަމްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު އެތަކެތި އެ ސާވިސުން ނައްތާލައެވެ. އެގޮތުން މި މަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ތެރެއިން އެފަރާތުގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗާއި، ބޮންޑެޑް ވެއާ ހައުސްގައި ހުންނަ މުދަލުގެ ތެރެއިން މުއްދަތު ހަމަވެގެންވެސް ބައެއް މުދާ ނައްތާލާފައި ވެއެވެ. ނައްތާލި މުދަލުގެ ތެރޭގައި ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ 843 އައިޓަމާއި، ބޭހުގެ ގޮތުގައި ބޭނުންކުރާ 13208 ގުޅައިގެ އިތުރުން 949 ސްޕްރޭ ފުޅި ހިމެނެއެވެ.