ވަކި ސަރަހައްދެއްގައި އެއްވުން ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން އެދިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ވަކި ސަރަހައްދެއްގައި އެއްވުން ބޭއްވުމަށް އެދި އިދިކޮޅު ކޯލިޝަން ޕީޕީއެމް-ޕީއެންސީން އެދިފައި ނުވާ ކަމަށާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުން ރައްޔިތުންނަށް ލިބިދޭ ހައްގު ގާނޫނީ ހަމަތަކުގެ ތެރެއިން ބޭނުން ކުރުމުގައި ފުލުހުންގެ ފަރާތުން ލިބެންވާ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބިގެން ދާނެ ކަމަށެވެ.
މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން ނޫސްވެރިންނާ ބައްދަލުކޮށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މީގެ ދެތިން ދުވަސް ކުރިން ކާނިވާ ސަރަހައްދުގައި އެއްވެ އުޅުމަށް ސަރުކާރުގައި އެދިފައި ވާނެކަމަށެވެ. ނަމަވެސް ކާނީވާ ސަރަހައްދު އެއްވުން ބޭއްވުމަށް ދެވެން ނެތް ކަމަށް ހައުސިންގް މިނިސްޓްރީން އިދިކޮޅަށް ސިޓީއަކުން އަންގާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ބަޑި ބުރާސްފަތި" ނަމުގައި އިދިކޮޅުން މިރޭ ބެއްވުމަށް ރޭވި އެއްވުން ބޭއްވުމުގެ ހުއްދަ ސަރުކާރުން ދޭން ނުކެރުނީ އެ ރެލީގައި 3 ނޮވެމްބަރު 1988 ގެ އުދުވާނުގައި ބައިވެރިވި ހުރިހާ އެންމެންގެ ނަންތައް ހާމަކުރުމަށް ނިންމާފައިވާތީ ކަމަށާއި އެ އަޑު ސަރުކާރަށް އަހަން ނުކެރޭނެތީ ކަމަށް ސުޖާއު ވިދާޅުވިއެވެ. ނަމަވެސް "ބަޑި ބުރާސްފަތި" އެއްވުން ޕީޕީއެމް އޮފީސް ކުރިމަތީގައި އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންނަށް އެއްވެ އުޅުމުގެ މިނިވަންކަން ލިބޭނޭ ކިޔައިގެން އައި ސަރުކާރެއް ކަަމަށާއި، އަދި މީގެ ކުރިން އެފަދަ ކަންކަން ވަނީ ހަނިކުރެވިފައި ކަމަށް ބުނެގެން އައި ސަރުކާރަކަށް 3 ނޮވެމްބަރުގެ އުދުވާނާ ގުޅިގެން އިދިކޮޅުން ބާއްވަން އުޅުނު އެއްވުން ބޭއްވުމަށް ފުރުސަތު ނުދިނުމަކީ ލަދުވެތިކަމެއް ގޮތުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހި ފުލުހުންނާއި ސިފައިންނަކީ ގައުމީ ބަތަލުންތަކެއް ހިމެނިގެންވާ ދިވެހި ބާރެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް ބަޑި ބުރާސްފަތި ފާހަގަކުރާނެހާ ހިތްވަރު އެ ބޭފުޅުންގެ ކިބައިގައި ނެތުމަކީ ހިތާމަ ކުރާކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އިދިކޮޅުން ކުރަމުންދާ ހުރިހާ ހަރަކާތެއް ހުއްޓުވަމުން ދާ މަންޒަރު ފެންނަމުން ދާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.