މޭވާއާއި ތަރުކާރީ އުފުލޭ ގޮތަށް ފިނިކުރާ ނިޒާމު ހަރުކޮށްފައިވާ ލޮރީއެއްގެ ތެރެއިން 12 މީހަކު، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބެލްޖިއަމްގެ ފުލުހުން ބުނެފިއެވެ.

މިމީހުންނަކީ ގަވައިދާ ހިލާފަށް ހިޖުރަ ކުރަން މަސައްކަތް ކުރަމުންދިޔަ މީހުން ކަމަށާ، މީގެ ތެރޭގައި ހިމެނެނީ ސޫރިޔާގެ 11 މީހަކާ ސޫދާން މީހެއް ކަމަށް ބެލްޖިއަމްގެ ފުލުހުން މައުލޫމާތު ދެއެވެ.

ފިނިކުރާ ނިޒާމު ހަރުކޮށްފައި ހުރި ލޮރީއެއްގެ ތެރެއިން 12 މީހަކު ދިރިހުއްޓާ ފެނިފައި މިވަނީ، ބެލްޖިއަމް މަގުން އިނގިރޭސިވިލާތަށް ދަތުރުކުރި މިފަދަ ލޮރީއެއްގެ ތެރޭގައި މަރުވެފައި އޮތް 39 މީހެއްގެ ހަށިގަނޑު ފެނުނު މައްސަލައެއް، އިނގިރޭސި ފުލުހުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މޯ ރޮބިންސަން (ވ) އަދި އިނގިރޭސި ފުލަހަކު، މޯ ރޮބިންސަން ދުއްވި ލޮރީ ބަލާ ފާސްކުރަނީ/ފޮޓޯ: 7ނިއުސް

ބެލްޖިއަމް ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެގައުމުގައި އޮތް މޭވާއާއި ތަރުކާރީ އުފުލާ ލޮރީ ތެރެއިން ފެނުނު 12 ހިޖުރަވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެމީހުން އެ އުޅަނދަށް އެރި ގޮތަކާ، އެއީވެސް އިނގިރޭސިވިލާތަށް މިސްރާބު ޖަހާފައި ތިބި ބައެއްތޯ ބެލުމަށް ހިންގާ ތަހުގީގު މަސައްކަތްތައް ކަމަށް މައުލޫމާތު ލިބެއެވެ.

އަމިއްލަ ވަޒަން ދޫކޮށް، ގަވައިދާ ހިލާފަށް އިނގިރޭސިވިލާތަށް އެތެރެވާން މަސައްކަތް ކުރާ މީހުންގެ މެދުގައި ބެލްޖިއަމްއަކީ މަގުބޫލު މަންޒިލެކެވެ. މިދިޔަ ހަފުތާ ބަންދުގައިވެސް ބެލްޖިއަމްއިންވަނީ ލޮރީއެއްގެ ތެރޭގައި ތިބި މިފަދަ 20 މީހަކު ހޯދާފައެވެ. އެ ހުރިހާ އެންމެންވެސް ދިރިހުރި ކަމަށް މައުލޫމާތު ލިބެއެވެ.