އެޖެންޑާ 19 ތަންފީޒު ކުރެވޭނީ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް ހުޅަހެޅުއްވި، ކަރަންޓު އަގުހެޔޮކުރުމާ ބެހޭ ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެޖެންޑާ 19 ތަންފީޒު ކުރެވޭނީ މަޖިލީހުގެ ރިޔާސަތުން ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައި، މެންބަރެއްގެ ގޮތުގައި އިންނަވައިގެން ކަމަށެވެ. ސައީދު އެހެން ވިދާޅުވީ، ކަރަންޓު އަގުހެޔޮހުރުމުގެ ގަރާރުގެ ބަހުސްގައި ޝައުޤުވެރިކަމާ އެކު ރިޔާސަތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާތީ އެކަން ފާހަގަ ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ތެލުގެ އަގު ހެޔޮނުވާކަން އެނގިހުރެ ކަމަށެވެ. 2013 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ތިންމަސް ދުވަހުގެ ތެޔޮ ރައްކާ ނުކުރެވޭ ކަމަށާއި، އެހެންނަމަވެސް މިހާރު 6 މަސް ދުވަހުގެ ތެޔޮ ރައްކާ ކުރެވޭނެ ނިޒާމު ގާއިމު ކޮށްފައި ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ތިމާވެއްޓާ ގުޅުންހުރި ގާރާރުތައް ހޯރަފުށި ސަލީމް ހުށަހަޅުއްވާތީ ވެސް ސައީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސައީދު ވިދާޅުވީ، މިހާރުގެ މަޖިލީހަކީ ގަރާރު ހުށަހަޅާ މަޖިލީހަކަށް ވެފައިވާ ކަމަށާއި ތިމާވެއްޓާ ގުޅުންހުރި ހުރިހާ ގަރާރެއް ހޯރަފުށީ ދާއިރާގެ މެންބަރު މެދުވެރިކޮށް ހުށަހަޅުއްވަމުން ގެންދަވާތީ އެކަމާމެދު ވިސްނަންޖެހޭ ކަމަށެވެ.

މަޖިލީހަށް މާގިނައިން ގަރާރު ހުށަހަޅުއްވާތީ އެކަމަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ ގިނަ ގަރާރުތަކެއް މަޖިލީހަށް ހުށަހެޅުމުން ދޭހަވަނީ ސަރުކާރުގައި އިތުރަށް ކުރާނޭ ކަމެއް ނެތުން ކަމަށެވެ. އަދި ގަރާރު ހުށަހަޅަނީ ސަރުކާރަށް އާންމުދަނީ އިތުރުކުރާނޭ ގޮތެއް ނުހޯދުމުން ކަމަށެވެ.