ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އައްޔަން ކުރަން އެމްޑީޕީން ތްރީލައިން ވިޕް ނެރެފިއެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި މިއަދު ވަނީ އެކަމަށް ވޯޓަށް އަހާ ފާސްކޮށްފައެވެ.

52 މެންބަރުން ހާޒިރުވި އެ ބައްދަލުވުމުގައި މަހާޒު ހޮވަން 32 މެންބަރުން ތާއީދުކުރިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން މަޖީލީހަށް ފޮނުވާފައިވަނީ މަހާޒުއާއި ދިޔާނާގެ ނަމެވެ. މަހާޒަކީ ޑްރަގްކޯޓުގެ ގާޒީއަށް ވީއިރު ދިޔާނާއަކީ ކުރީގެ ބަންޑާރަ ނައިބު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަބަލުންނެވެ.

މެލޭޝިޔާއިން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ މަހާޒް ވަނީ މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ވަޒީފާ އަދާކުރައްވާފައެވެ. ޑްރަގް ކޯޓުގެ ގާޒީކަމަށް މަހާޒް އައްޔަނުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ސުޕްރީމް ކޯޓުން އައްޔަން ކުރަން ދެ ނަމެއް ފޮނުވާފައިވީ ނަމަވެސް އެ ކޯޓުގައި ހުސްވެފައި ވަނީ އެއް ޖާގައެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ކަަމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމެވެ. އެހެންކަމުން ދިރާސާ ކުރުމަށް ފަހު މަަޖިލީހުން ރުހުން ދޭނީ ވެސް އެއް ބޭފުޅަކަށެވެ.