ލުބްނާނުގައި މިހާރު ކުރަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން، އެގައުމުގެ މަޝްރަހުގެ ހޫނުވެ ބޮޑު ވަޒީރު ސާދު ހަރީރީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ލުބްނާނުގެ ބޮޑު ވަޒީރު ސާދު ހަރީރީގެ އިސްތިއުފާ އަށް ގޮވާލައި އެ ގައުމުގެ އާއްމު ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ ދެ ހަފްތާ ވެގެން ގޮސްފައި ވާއިރު، މުޒާހަރާ ވަނީ ހަމަނުޖެހުންތަކަށް ބަދަލުވެފައެވެ.

ހަރީރީ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުން ދިޔަނަމަވެސް އެގައުމުގައި ހަރަކާތްތެރިވާ ހިޒުބުﷲ ޖަމާއަތުން ވަނީ ހަރީރީ މަގާމުން އިސްތިއުފާ ނުދެއްވުމަށް ގޮވާލައިފައެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށްގެން އެ ޖަމާއަތުން ވަނީ ހަމަލާތަކެއް ވެސް ދީފައެވެ.

ހިޒުބުﷲ ޖަމާއަތުން އެގޮތަށް ބުނި ނަމަވެސް ހަރީރީ އިސްތިއުފާ ދެއްވީ މުޒާހަރާތަކާ ގުޅިގެން އެ ގައުމު އިތުރަށް އޭނާއަށް ނުހިންގޭ ވަރު ވުމުންނެވެ. ހަރީރީ އިސްތިއުފާ ދެއްވިއިރު ހަރީރީ ވަނީ އޭނާގެ މުޅި ކެބިނެޓުވެސް އިސްތިއުފާ ދެއްވުމަށް އަންގަވާފައެވެ. އޭނާ އެގޮތަށް އެކަން ކުރެއްވީ އެއީ އާއްމުން ބޭނުންވާ ގޮތް ކަމަށްވާތީ ކަމަށްވެސް ހަރީރީ ވަނީ ވިދާޅުވެފައެވެ.

ހަރީރީއާއި އޭނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން އެގައުމުގެ ރައްޔިތުން ނިކުތީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކޮރަޕްޝަން އިންތިހާއަށް އިތުރުވެގެން ދިއުމާއި ގައުމުގެ ބައިތުލްމާލުން އަމިއްލަ ކަންކަމަށް ހަރަދު ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުތަކެއް ކުރުމުންނެވެ.