މަރުގެ އިންޒާރުދޭ މީހުންނާ ދޭތެރޭ ހަރުކަށިކޮށް ހިތުމަކީ ގޯހެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަރުގެ އިންޒާރުދީ މީހުންނަށް ބިރުދައްކާ ފަރާތްތަކާ މެދު ގާނޫނުގައިވާ ފިޔަވަޅު އެޅުން ބޭނުންތެރި ކަމަށާއި ހައްޔަރުކުރުމުގެ ސަބަބުން ނަފްރަތު އިތުރުވެގެން ނުވާނެ ކަމަށެވެ. ނަމަވެސް އެފަދަ މީހުންނާ ދޭތެރޭ ހަރުކަށިކޮށް ހިތުމަކީ ގޯހެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަމާޒަކަށް ވާންވީ މަރުގެ އިންޒާރު ދޭ މީހުން ހަރުކަށިކޮށް ހިތުމަށް ވުރެ އެމީހުންނަށް ނަސޭހަތް ދިނުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާ އިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި މީސްމީހުންގެ ފުރާނައާއި ނަފްސަށް ގެއްލުން ދިނުމަށް ގޮވާލައި އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ލިޔުމާއި ކުރެހުމާއި ފޮޓޯތައް އާންމުކޮށް ހަދަމުންދާކަން ފުލުހުންނަށް ފާހަގަ ކުރެވި، އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ މި މައްސަލައާ ގުޅުން ހުރި ބައެއް މީހުންނާ ދޭތެރޭ ނަފްރަތު އުފައްދަމުން ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދީ، މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަނިޔާވެރި ކަމަށް ހިތްވަރު ދެމުންދާ މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކުން ވަނީ އުމުރުން 19 އަހަރުގެ އަލީ ރަވާއު ނަމަކަށް ކިޔާ ޒުވާނެއް ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޓްވިޓާގައި އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެއެވެ.

ރަވާއު ހައްޔަރު ކުރުމާ ގުޅިގެން، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަމާ މެދު ނުރުހުން ފާޅުކޮށް، އޭނާ ދޫކޮށްލުމަށް ގޮވާލަމުންނެވެ.