އީ ސިނިގިރޭޓްއާ މެދު ހެލްތު މިނިސްޓްރީން މިހާރު ދިރާސާތައް ކުރަން ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، އީ ސިނގިރޭޓާ މެދު އެ މިނިސްޓްރީން ދިރާސާތަކެއް ކުރަން ފަށާފައިވާ ކަމަށާއި، އީ ސިނގިރޭޓް މަނާކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އީ ސިނގިރޭޓާ މެދު ދިރާސާތައް ކުރަމުން ދަނީ އެ ރެގިއުލޭޓް ކުރާނީތޯ ނުވަތަ ބޭންކުރާނީތޯ ނިންމުމަށް ކަމަށެވެ. އަދި އެ މަސައްކަތުގެ ނަތީޖާ މަހެއްހާ ދުވަހުގެ ތެރޭ ފެންނާނެ ކަމަށް ބެލެވޭ ކަމަށާއި، ޕޮލިސީ ލެވެލްގައި ގޮތް ނިންމާނީ ދިރާސާތަކުގެ ނަތީޖާއަށް ބެލުމަށް ފަހު ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރާއްޖެ އެތެރެކުރާ އީ ސިނިގިރޭޓްގެ ބާވަތްތައް ރާއްޖޭގައި މިހާރު ވިއްކަނީ ރެގިއުލޭޓް ކޮށްގެނެއް ނޫނެވެ.

އީ ސިނގިރޭޓް ބޭނުން ކުރުން ނުވަތަ ވޭޕްކުރުމަކީ ދިވެހި ޒުވާނުންނާ ފުރާވަރު އުމުރުގެ ކުދިންގެ މެދުގައިވެސް 'ވައިގަ ހިފާފައިވާ' ނުރައްކާތެރި ވަބާއެކެވެ. އީ ސިނގިރޭޓް ބޭނުންކުރާ މީހުންނަށް ތަފާތު ސިއްހީ މައްސަލަތައް ދިމާވާ މައްސަލަ ފަހަަކަށް އައިސް އިތުރުވެފައި ވާއިރު، މިކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ.

އީ ސިނގިރޭޓް އަކީ ނުރައްކާތެރި އެއްޗެއް ކަމަށް ނިންމާ، 40 އަށް ވުރެ ގިނަ ގައުމުން މިހާރު ވަނީ އީ ސިނގިރޭޓް ބޭނުން ކުރުން މަނާކޮށްފައެވެ. އޭގެ ތެރޭގައި އިންޑިއާ، ސިންގްޕޫރުގެ އިތުރުން ސީޝެލްސް އަދި ހޮންގް ކޮންގް ވެސް ހިމެނެއެވެ. މީގެ އިތުރުން އެތައް ގައުމަކުން ދަނީ އީ ސިނގިރޭޓް ބޭނުން ކުރުން މަނާ ކުރުމާއި މެދު ވިސްނަމުންނެވެ.