އެޗްއައިވީ ހުރިކަން ސިއްރުކޮށް ކައިވެނިތަކެއް ކުރި ދިވެހި އަންހެންގެ މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އެ މިނިސްޓްރީން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، މީޑިއާއެއްގައި ޝާއިރު ކޮށްފައިވާ ލިޔުމަކުން އެ މިނިސްޓްރީއަށް އެކަން އެނގުމުން އެ މައްސަލަ މިހާރު ބަލަމުން ދާ ކަމަށެވެ. އަދި އެ މައްސަލައި ގައި އެ މިނިސްޓްރީއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ބުނެއެވެ. އަދި އެ މިނިސްޓްރީން ބުނީ ކައިވެނީގެ މައްސަލަތަށް ނިންމާނީ ކޯޓުން ކަމަށާއި އެފަދަ މީހުންގެ މައުލޫމާތު ހާމަކުރުމަކީ އޮންނަ އުސޫލަކަށް ނުވާތީ އެމީހާގެ އައިޑެންޓިޓީ ހާމަވާނެ އެއްވެސް މައުލޫމާތެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމަ ނުކުރާނެކަމަށެވެ.

އެޗްއައިވީ އަށް މީގެ އަހަރުތަކެއް ކުރިން ޕޮޒިޓިވްވެ ކައިވެނިތަކެއް ކޮށްފައި ވަނީ އުމުރުން 40 އާއި ގާތްކުރާ އަންހެނެކެވެ. މާލެ އަށް އުފަން އެ މީހާ އަށް އެޗްއައިވީ ޖެހުނީ މީގެ ފަސް އަހަރު ކުރިން، ކައިވެނި ކޮށްގެން ހުއްޓާ ކަމަށް ވެއެވެ. އަދި އެޗްއައިވީ ޖެހިފައިވާ އެހެން މީހުންނަށް ރާއްޖޭގައި ފަރުވާ ދޭ އުސޫލުގެ ތެރެއިން މި އަންހެން މީހާ އަށްވެސް ފަރުވާ ދެމުން އައިސްފައިވީ ނަމަވެސް ފަރުވާގެ ކަންތައް މިހާރު ކުރިއަށްދާ ގޮތް ސާފުވާގޮތެއް ނުވިއެވެ.

އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާއީ ބާރު އެވައިރަސްގެ ސަބަބުން ދަށް ކޮށްލާ ނުވަތަ ނައްތާލާ ވައިރަސް އެކެވެ. މީގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާއުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުންދެއެވެ. އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ދެހަފްތާއާއި ބާރަ ހަފްތާއާ ދޭތެރޭގައި ލޭ ޓެސްޓްކުރުމުން އެޗްއައިވީގެ އެންޓިބޮޑީޒް ހަށިގަނޑުގެ ތެރެއިން ފެނިއްޖެނަމަ، އެއިން އަންގައިދެނީ އެމީހަކު އެހެރީ އެޗްއައިވީ ނުވަތަ އެއިޑްސް ޖައްސާ ވައިރަސް އަށް އިންފެކްޓްވެފައި ކަމެވެ.