ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ މަރާލީ ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރޭގެ ވަގުތެއްގައި ވިދާޅުވިއިރު، އެކަމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ތުރުކީވިލާތާ އިރާގުން ކަމަށް އެގައުމުތަކުން ބުނަން ފަށައިފިއެވެ.

ފާއިތުވީ 5 އަހަރެއްހާ ދުވަހު އައިސިސްގެ އެންމެ އިސް ކޮމާންޑަރަކަށް އުޅުނު ބަގުދާދީ މަރާލާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއްގައެވެ.

އެމެރިކާގެ އަސްކަރީ ފައުޖުން ބަގުދާދީއާއި ކުރިމަތިލަމުން ގޮސް، ސަލާމަތްވާނެ އެއްވެސް މަގެއް ދެން ނެތްކަން އެނގުމުން، ބަގުދާދީ މަރުވީ އޭނާގެ ހަށިގަނޑު އަމިއްލައަށް ގޮއްވާލައިގެން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ އިސް ކޮމާންޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ކަމަށް ބުނާ މީހާ/ފޮޓޯ: އޭއެފްޕީ

އިރާގުގެ ދައުވާ އަކީ ކޮބާ؟

ބަގުދާދީ މަރާލި ރެއިޑް ޖެހުމުގެ ކުރިން، އޭނާ ހުރި ހިސާބެއްގެ މައުލޫމާތު އެމެރިކާގެ އަސްކަރީ ބާރުތަކަށް ފޯރުކޮށްދިނީ އިރާގުގެ ޖާސޫސީ ހިދުމަތްތަކާ ބެހޭ އިދާރާއިން ކަމަށް އިރާގުގެ ސަލާމަތީ ބާރުތަކުން ބުނެއެވެ.

އިރާގުގެ ކަމާބެހޭ ފަރާތްތަކުން ނޫސްވެރިންނަށް ފޯރުކޮށްދިން ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ ޖަސޫސީ އިދާރާއިން ހާއްސަ ޔުނިޓެއް އެކުލަވާލައިގެން، ބަގުދާދީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވެއްޖެކަމަށެވެ. އަދި ބަގުދާދީގެ ހިތި ނިމުން ގެނުވި އަސްކަރީ އޮޕަރޭޝަން ހިންގާފައިވަނީ އެމެރިކާގެ ސަލާމަތީ ބާރުތަކާ އިރާގުގެ ފައުޖުތައް ގުޅިގެން ކަމަށްވެސް އިރާގުން ވަނީ ވަކާލާތު ކޮށްފައެވެ.

ބަގުދާދީ ހުރި އެންމެ ފަހުގެ ހިސާބު ދެނެގަނެވުނީ އޭނާގެ އަނބިންތަކަކަށް ބަގުދާދީ ކުރި ފޯނުކޯލަކާ ހިސާބުން ކަމަށްވެސް އިރާގުން ބުނެއެވެ.

ޓްރަމްޕްގެ ވާހަކަފުޅުގައިވެސް އިރާގުން ރަނގަޅު މަސައްކަތްތަކެއް ކޮށްދީފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ އިސް ކޮމާންޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ކަމަށް ބުނާ މީހާ/ފޮޓޯ: ދަ ޓެލެގްރާފް

ތުރުކީވިލާތުން ބުނަނީ ކީކޭ؟

ބަގުދާދީ އެންމެ ފަހުން ދިރިއުޅެމުންދިޔަ ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ރެއިޑެއް ޖެހުމުގެ ކުރިން، ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްދިޔަ ކަމަށް ތުރުކީވިލާތުން ވަނީ ހާމަކޮށްފައެވެ.

ތުރުކީވިލާތުގެ ދިފާއީ ވުޒާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ދެ ގައުމުގެ އަސްކަރީ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް ހަދާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ތުރުކީވިލާތުން ހާމަކޮށްފައެއް ނުވެއެވެ.

ސޫރިޔާގެ ވިލަރެސް ކުރަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނާ ގޮތުގައި، ބަގުދާދީ މަރާލުމަށް ހިންގި ހާއްސަ އަސްކަރީ އޮޕަރޭޝަންގައި، 9 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.