ރައްޔިތުން ޑިމާންޑްކުރަމުންދާ އިޖުތިމާސީ އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި އާ ސަރުކާރެއް އެކުލަވާލެއްވުމުގެ މަގުސަދުގައި ޗިލީގެ ރައީސް ސަބޭޝިއަން ޕިނޭރާ، އެ ގައުމުގެ ވަޒީރުންގެ މަޖިލިސް އުވާލައްވައިފިއެވެ.

ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދާ ޗިލީގެ ރައީސް ވިދާޅުވީ، ރައްޔިތުންގެ ޑިމާންޑުތަކާ ކުރިމަތިލެއްވުމަށްޓަކައި ވަޒީރުންނަށް ނޯޓިސް ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް ވަޒީރުންގެ މަޖިލީހަށް ގެންނަވާނެ ބަދަލަކާ، އެ ބަދަލު ގެންނަވާނެ ގޮތެއް ޕިނޭރާ ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.

އިޖުތިމާއީ އަދާލާތު ގާއިމުކުރުމަށް ޑިމާންޑްކޮށް ޗިލީގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި، މިދިޔަ ހުކުރު ދުވަހު ސުލްހަވެރި މުޒާހަރާއެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ލިއަނަކަށްވުރެ ގިނަ މީހުންވަނީ އެ މުޒާހަރާގައި ބައިވެރިވެފައެވެ.

މަގުމަތީގައި ރައްޔިތުން އިއްވަމުންދާ އަޑުތައް އިވިވަޑައިގެންފި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޕިނޭރާ ވިދާޅުވީ، މިއަދުގެ ޗިލީއަކީ މީގެ ހަފުތާއެއްހާ ދުވަހާ ކުރިއާއި އަޅާ ބަލާއިރު މުޅިން ތަފާތު، އާ ގައުމެއް ކަމަށެވެ.

17 މީހެއްގެ ފުރާނަ ގެއްލި، މުޒާހަރާތައް ހޫނުވުމުގެ ސަބަބުން، މީގެ ހަފުތާއެއްހާ ދުވަސްކުރިން އެގައުމުގައި އިއުލާންކުރި ކާފިއުވެސް މިހާރު އޮތީ ބާތިލުކޮށްފައެވެ.

ޗިލީގައި ވަރުގަދަ މުޒާހަރާތަކެއް ފެށުނީ މެޓްރޯ ޓިކެޓްގެ އަގު ބޮޑުވެގެންނެވެ. ނަމަވެސް މުޒާހަރާތައް ފެށުމާއެކު އިތުރު ކަންކަން އޭގެ ތެރެއަށް ވަންނަމުން ގޮސް، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ އެނޫންވެސް އެފަދަ އިޖުތިމާއީ މައްސަލަތަކެއް މިކަމުގެ ތެރެއަށް ވަނީ ވަދެފައެވެ.