ބެލްޖިއަމްއިން ފުރައިގެން އިނގިރޭސިވިލާތަށް ދަތުރުކުރި ލޮރީއެއްގެ ތެރޭގައި މަރުވެފައި އޮތް 39 މީހެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި ސުވާލު ކުރަމުންދިޔަ ލޮރީ ޑްރައިވަރުގެ މައްޗަށް، މީހުން މެރުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

އިނގިރޭސިވިލާތުގެ އެސެކްސް ސަރަހައްދުން ހިފެހެއްޓި ލޮރީ ތެރޭގައި މަރުވެފައި އޮތް 39 މީހެއްގެ ހަށިގަނޑު ފެނުނު މައްސަލައާއި ގުޅިގެން، މީހުން މެރުމުގެ ކުށުގެ ދައުވާ ކުރަމުންދަނީ، ކަމާބެހޭ ފަރާތްތަކުން ލޮރީ ހިފެހެއްޓިއިރު އެ ލޮރީ ދުއްވަން އިން، އުމުރުން 25 އަހަރުގެ މޮރީސް ރޮބިންސަންގެ މައްޗަށެވެ.

ފިނިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޮރީ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 31 ފިރިހެނަކާ، 8 އަންހެނެއްގެ ހަށިގަނޑެއް ކަމަށްވާއިރު، ފުރާވަރު އުމުރުގެ ކުއްޖެއްގެ ހަށިގަނޑުވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

އެސެކްސްގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި މޮރީސް ރޮބިންސްއާއި ދެކޮޅަށް އިތުރު ދައުވާތަކެއްވެސް ވަނީ އުފުލާފައެވެ. އެގޮތުން އިންސާނީ ވަގުފާރީގެ ކުށުގެ ދައުވާއާއި، ގަވައިދާ ހިލާފަށް އިމިގްރޭޝަން ހުރަސްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކަޅުފައިސާ ދޮވުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާއި ގުޅިގެން އިތުރު 2 ފިރިހެނަކާ 1 އަންހެނަކާވެސް އިނގިރޭސިވިލާތުގެ ފުލުހުން ދަނީ ސުވާލު ކުރަމުން ކަމަށްވާއިރު މިމީހުންވެސް މިހާރު ތިބީ އިނގިރޭސި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މާދަމާގެ ވަގުތެއްގައި ރޮބިންސަން ކޯޓަށް ހާޒިރުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ލޮރީ ތެރެއިން ފެނުނު ހަށިގަނޑުތަކީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާއިރު، ހާއްސަ ސަމާލުކަމެއް ދެމުން އަންނަނީ ވިއެޓްނާމް ދަރިކޮޅުގެ މީހުންނަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ޗައިނާއަށް ނިސްބަތްވާ ބައެއް މީހުންގެ ހަށިގަނޑުތަކެއްވެސް ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ.