ގިނަ އަހަރުތަކެއްވަންދެން ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހެއްވާ މަޖާ އާއިލީ ޓީވީ ޑްރާމާ ސީރީޒް "މޮޑާން ފެމިލީ"ގެ ކާސްޓްއާއި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރުގެ ހޮލީވުޑްގެ ތަރި ޑޭވިޑް ބެކަމްއާއިއެކު ފެނިގެންދާނީވެސް ހަމަ އެ ފަދަ ވަރުގަދަ ޝަހްސެއް ކަމަށް ޚަބަރު ލިބިއްޖެއެވެ.

"މޮޑާން ފެމިލީ" ސީޒަން 11ގެ އާ ޓްރޭލާގެ އިތުރުން، މުނިފޫހިފިލުވުމުގެ ދާއިރާއިން ލިބެމުންދާ ހޫނު ޚަބަރުތަކަށް ބަލާއިރު ބެކަމްއާއިއެކު މި ސީރިޒްގައި ހާއްސަ ފެނިލުންތަކެއް ހުށަހަޅާދެމުންދާނީ އަދިވެސް 1 ނަމްބަރު ޑްރާމާ ސީރީޒްގެ ގޮތުގައި މުޅި ދުނިޔެ އިއްތިފާގުވާ "ފްރެންޑްސް"ގެ މައިގަނޑު ރޯލަކުން ފެނިގެންދިޔަ އެއް ތަރި ކަމަށްވާ ކޯޓްނީ ކޮކްސްއެވެ.

"މޮޑާން ފެމިލީ"ގެ 11 ވަނަ އަދި އެންމެ ފަހު ސީޒަނަށް ހާއްސަކޮށްގެން 1 ވަނައިގެ ގިނަ ތަރިންތަކެއް އެޕިސޯޑްތަކުން ފެނިގެންދާނެ ކަމަށް ޚަބަރު ލިބެއެވެ. މަޝްހޫރު ތަރިންތަކެއްގެ ހާއްސަ ފެނިލުންތަކެއްގެ އިތުރުން 11 ވަނަ ސީޒަންއަކީ މި ސީރީޒްގެ އެންމެ ފުރިހަމަ ސީޒަނަށް ވެގެންދާނެ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

އޭބީސީ އެންޓަޓެއިންމަންޓްގެ "މޮޑާން ފެމިލީ"ގެ 11 ވަނަ ސީޒަން ދައްކަން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.