ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާއަށް މައާފު ދެއްވާފައި ވާކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ، ފުލުހުންނަށް ހުށަހެޅުއްވި 29 މިލިއަން ރުފިޔާގެ މައްސަލަ އަނބުރާ ނެންގެވުމަށް މިއަދު ނިންމަވާފައިވާ ކަމަށެވެ.

މި މައްސަލަ އަނބުރާ ނެންގެވި ސަބަބަކީ ޖާބިރުގެ މަންމަ މަރިޔަމް މަނިކެގެ އެދިވަޑައިގަތުމަކަށް ކަމަށާއި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މައާފު ދެއްވާފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ މަންމަ ގުޅުއްވާފައި، މައުމޫނާ އިދިކޮޅު ނުވުމަށް ވެސް ވިދާޅުވެފައި ވާތީ މިއަދުން ފެށިގެން މައުމޫން ދައްކަވަން ޖެހޭ އެއްވެސް ރުފިޔާއެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އެމްއާރްއެމްގެ ސެކްރަޓަރީ ޖެނެރަލް އަބްދުލް އަލީމް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ކުރިންވެސް ރައީސް މައުމޫން އެފައިސާ ނުނަގާ ކަމަށް ވިދާޅުވެ، ސްޓޭޓްމެންޓެއް ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ފައިސާ ނެންގެވި ކަމަށް ޖާބިރު ވިދާޅުވި ކަމަށާއި މާފު ދިޮން ކަމަށް ވެސް އެ ވިދާޅުވަނީ ޖާބިރު ކަމަށް އަލީމް ވިދާޅުވިއެވެ. އަދި މިހާރު މިކަމާ ގުޅޭ ގޮތުން ވިދާޅުވާނެ އެއްޗެއް ނެތް ކަމަށް ވެސް އަލީމް ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަތަކަށް ރައްދު ދެއްވައި މައުމޫން އޮފީހުން އޭރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމެންޓްގެ ހީވާގި ޓީމަށް، އަބްދުﷲ ޖާބިރު އެއްވެސް ފައިސާއެއް ދެއްވާފައިނުވާ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށެވެ. މީގެ އިތުރުން އޭރު ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޖާބިރު ހެއްދެވީ ކަނޑައެޅިގެން އިތުރު ފުޅެއް ކަމަށެވެ.

ޖާބިރު ވަނީ މިފަދަ ތުހުމަތެއް ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ވެސް ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން އޭނާގެ އަތުން 17 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށާއި އެ ރުފިޔާއަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ނެންގެވި ފައިސާ ކަމަށެވެ. މި ކަމާ ގުޅިގެން ޖާބިރު ވިދާޅުވެފައި ވަނީ ޔާމީންގެ ސަރުކާރަކީ އޭނާގެ އެހީތެރިކަމާއެކު ގެނެސްފައިވާ ސަރުކާރެއްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަތްޕުޅުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.