ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޖުޒާމް ބަލި ގއ. ފަރެސްމާތޮޑާގައި ފެތުރޭތީ ސްކްރީން ކުރަން ފަށައިފިއެވެ.

ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުން މި މަހުގެ 17ވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ 1960ގެ އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން އެރަށުގައިވެސް ފެތުރެމުންދިޔަ ނުރައްކާތެރި ބައްޔެއް ކަމަށްވާ ލެޕްރަސީބަލި ނުވަތަ ޖުޒާމްބަލި އެރަށުގައި ފެތުރެމުންދާ ކަމަށެވެ. އެގޮތުން އެ ބައްޔަށް ފަރުވާ ލިބެމުންދާ ބަލި މީހުން އެރަށުގައި ދިރިއުޅޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުން ނެރުނު އިއުލާނުގައި ބުނީ އެ ބައްޔަކީ ވަރަށް ނުރައްކާތެރި އަދި ކޮންމެ އިންސާނަކަށްވެސް ޖެހިދާނެ ބައްޔެއް ކަމަށެވެ. އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވެން ހުރި އެންމެ މުހިއްމު މަސައްކަތަކީ ބަލީގެ ކުރީކޮޅު އެ ބަލި ދެނެގަނެ ބައްޔަށް ފަރުވާ ހޯދުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނުން އެނގޭ ގޮތުގައި މިދިޔަ ޖުލައި މަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓީމެއް އެރަށް ވަޑައިގެން އެރަށުގެ ކުދިބޮޑު އެންމެންނަށް އަމާޒުކޮށްގެން ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް އެކަށީގެންވާ މިންވަރަށް މީހުން ނުދިއުމުން ކަނޑައެޅިފައިވާ ޓާގެޓަކަށް ވާސިލެއް ނުވެވެއެވެ.

އެހެންކަމުން ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވަނީ މި މަހުގެ 20ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އަނެއްކާވެސް ކުރިއަށް ގެންގޮސްފައެވެ.

މިފަދަ ނުރައްކާތެރި ބައްޔެއް ރާއްޖޭގެ ރަށެއްގައި ފެތުރެމުންދާ ކަމުގެ ވާހަކައެއް މިހާތަނަށް ހެލްތު މިނިސްޓްރީންވެސް އަދި ކަމާ ގުޅުންހުރި އެހެން އެއްވެސް އިދާރާއަކުން ހާމަ ކޮށްފައި ނުވެއެވެ.