ހައްދުފަހައަނައަޅާފައިވާ ޓެރަރިސްޓް ހަނގުރާމަވެރި ޖަމާއަތަކާ ގުޅުނު މީހުންގެ ތެރެއިން ދެގައުމަކަށް ނިސްބަތްވާ މީހުންގެ ރަށްވެހިކަން ބާތިލުކުރުމަށް ސަރުކާރަށް ބާރުދޭ ގާނޫނެއް ފާސްކުރުމަށް ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފިއެވެ.

މިއީ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓުންނާ ގުޅިގެން ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ޑެންމާކަށް ވަނުމަށް މަސައްކަތްކުރާ އެ ގައުމުގެ ރަށްވެހިނގް، އެތެރެ ވިޔަ ނުދީ ހިފެހެއްޓުމަށް ފުރުސަތު ފަހިކުރުމުގެ ގޮތުން ފާސްކުރި ގާނޫނެކެވެ. މިއީ މި ގިންތިއަށް ފެތޭ ވަކި މީހަކަށް އަމާޒުކޮށްގެން ހެދި ގާނޫނެއް ނަމަވެސް، މި ގާނޫނު ފަރުމާކޮށްފައިވަނީ، މި ސިފަތަކަށް ފެތޭ ހުރިހާ އެންމެންގެ މައްޗަށްވެސް ގާނޫނު ހިނގާ ގޮތަށެވެ.

ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުން ރުހުންދީ، ފާސްކުރި ގާނޫނު ފަރުމާކޮށްފައިވަނީ 2 ގައުމަކުން ރަށްވެހިކަން ހޯދައިގެން އުޅޭ މީހުންގެ ތެރެއިން މީހަކު ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން އުޅޭނަމަ، ކޯޓު އަމުރަކާ ނުލާ، އެމީހެއްގެ ރަށްވެހިކަން ބާތިލުކުރުމުގެ ބާރު، ޑެންމާކުގެ ސަރުކާރަށް ލިބިދޭ ގޮތަށެވެ. ރަށްވެހިކަން ބާތިލުކުރުމުގެ މަސައްކަތް ޑެންމާކުގެ ސަރުކާރުން ކުރާއިރު، އެމީހަކީ ޑެންމާކުގެ ފަސްގަނޑުގައި ހުރި މީހަކަށްވެސް ވާކަށް ނުޖެހެއެވެ.

ޑެންމާކުގެ ބޮޑުވަޒީރު އެމް ފްރެދެރިކްސަން ވިދާޅުވީ މި ޓެރަރިސްޓުންނަކީ ގައުމަށް ފުރަސްގަދީ ދިޔަ މީހުން ކަމަށާ، އެމީހުންނަކީ ޑެންމާކުގައި މިއަދު އޮތް މިނިވަންކަމާ ޑިމޮކްރަސީއާއި ދެކޮޅަށް ހަނގުރާމަކުރި މީހުން ކަމަށެވެ.

ޑެންމާކުގެ އަދުލު އިންސާފާ ބެހޭ ވަޒީރު މިދިޔަ މަހު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް އެގައުމުން 36 މީހަކު ގޮސްފައިވާކަމަށެވެ. މީގެ ތެރެއިން 10 މީހެއްގެ ރަށްވެހިކަން މިހާރު ބާތިލުކޮށްފައިވާއިރު 12 މީހަކު ވަނީ ޖަލަށްލާފައެވެ.

މީގެ އިތުރުން ގައުމުން ބޭރުގައި ހަނގުރާމަވެރިންނަށް އުފަންވާ ޑެންމާކު ދަރިކޮޅުގެ ތުއްތު ކުދިންނަށް ޑެންމާކުގެ ރަށްވެހިކަން ނުލިބޭ ގޮތަށްވެސް އެގައުމުން ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ގާނޫނެއް އެކުލަވާލާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މެދުއިރުމައްޗަށް ދަތުރުކޮށް، ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތަށް ބައިއަތު ހިފިއެވެ. ނަމަވެސް މެދުއިރުމަތީގައި އައިސިސްގެ ބާރު ކަނޑުވާލެވުމާއެކު ގިނަ ބަޔަކު ދަނީ އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދިއުމަށް މަސައްކަތް ފަށާފައެވެ. ކަންމިހެން އޮތްނަމަވެސް، އައިސިސް ފަދަ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓު ޖަމާއަތަކަށް ބައިއަތު ހިފި ބަޔަކު ބަލައިގަތުމަށް ގައުމުތަކުން ދަނީ އިންކާރު ކުރަމުންނެވެ.