މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ރައްޔިތުން އެ ޖަމިއްޔާ އުވާލުމަށް ގޮވާ އަޑު ސަރުކާރަށް އިއްވުމަށް އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މުޒާހަރާ ފެށުނު އިރު އެ ސަރަހައްދަށް އެއްވެފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް 100 އަށް އަރާނެ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "ދަ ޕްރެސް" ގެ ނޫސްވެރިން މައުލޫމާތު ދެއެވެ. އެންމެންވެސް ތިބީ އެމްޑީއެން އުވާލުމަށާއި ޝުއޫރުތައް ފާޅުކުރާ ފަދަ ލިޔުންތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީއެން އުވާލުމަށް ރައްޔިތުން ގޮވަމުންދާ އަޑު މި ދިވެހި ފަސްގަނޑުން ފިލައިގެން ނުދާނެ ކަމަށެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ ރައްޔިތުންނާއި ދިވެހި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެމްޑީއެން އުވާލުމަށް އެދި ޝިޔާމް ގޮވާލެއްވިއެވެ. އެމްޑީއެންގެ މަސައްކަތް ކުރައްވާ ބޭފުޅޫންގެ ތެރެއިން ސަރުކާރު ވަޒީފާގައި ތިއްބެވި ބޭފުޅުން ވަޒީފާއިން ވަކި ކުރެއްވުމަށާއި އެބޭފުޅުންނަށް ހައްގު އަދަބު ދިނުމަށްވެސް ޝިޔާމް ގޮވާލެއްވިއެވެ.

އިދިކޮޅުން މިރޭ ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އިދިކޮޅުގެ ފަރާތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގް މިނިސްތަރު ޑރ. މުހައްމަދު މުއިޒާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މި މުޒާހަރާގެ ތެރޭގައި ބައިވެވަޑައިގަތެވެ.

މި އިހުތިޖާޖަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ވަޑައިގެންފިއެވެ. މީގެ އިތުރުން އ18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގެ ބައެއް އިދިކޮޅު ތަމްސީލުކުރައްވާ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އެ ސަރަހައްދަށް ފުލުހުން ވެސް ވަނީ ގޮސްފައެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިހުތިޖާޖު ކުރާ ސަރަހައްދުގައި / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

މި އިހްތިޖާޖުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީއެން އުވާލުމަށެވެ. އަދި އިސްލާމް ދީނާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އެމަނިކުފާނު ވަނީ ކުށްވެރި ކުރައްވާފައެެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އަގުލަބިއްޔަތު އޮތް ގޮތް ބަލާ އެ ޖަމިއްޔާއާއި އެޖަމިއްޔާގެ މަސައްކަތްކުރެއްވި ބޭފުޅުންނަށް ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ޔާމީން ގޮވާލެއްވިއެވެ. މީގެ އިތުރުން މި މައްސަލައިގައި ތަހުގީގު ކުރަންޖެހޭ ކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅުން މިރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ސުލްހަވެރިކަމާއެކު މި އިހުތިޖާޖު ކުރުމަށް ފުލުހުން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ މުއިއްޒު ވަނީ ވާހަކަ ދައްކަވާފައެވެ. މީގެއިތުރުން މުއިއްޒު ވިދާޅުވީ، އެމްޑީއެންގެ ވާހަކަތައް ދައްކަމުން ދާ ވަގުތުގައި މި ސަރުކާރުން ވައްކަން ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކި ޕްރޮޖެކްޓްތައް ބަހާލައިގެން ސަރުކާރުން ވައްކަން ކުރަމުންދާ ކަމަށެވެ.

މިރޭ އަދި ޗާންދަނީ މަގަށް ނުކުންނަން ފަހަރެއްގައި ގޮވާލާނެ ކަމަށާއި، އަދި ރައްޔިތުން މަޖިލިސް ކައިރިއަށް އެއްވުމަށްވެސް ގޮވާލާނެ ކަމަށާއި މި ހަފްތާ ބަންދަށް ފަހު މިފަދަ އިތުރު ރެލީއެއް ބާއްވާނެ ކަމަށް އިދިކޮޅުން އިއުލާންކުރަމުން މިރޭ ބޭއްވި އިހުތިޖާޖު ވަނީ ނިންމާލާފައެވެ.