ހަނި ތަފާތަކުން ލިބަރަލް ޕާޓީއިން އިންތިހާބުގެ އަޣުލަބިއްޔަތު ކަށަވަރުކޮށް، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއަށް 2 ވަނަ ދައުރެއް ކަށަވަރުކޮށްދީފއެވެ.

ނަމަވެސް ސާފު އަޣުލަބިއްޔަތު ލިބިވަޑައިގެންފައި ނެތުމުގެ ސަބަބުން ޓްރޫޑޯ އިސްކޮށް ހުންނަވައިގެން ހިންގަވަންޖެހިފައިވަނީ މައިނޯރިޓީ ސަރުކާރެކެވެ.

މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބުވި ނަމަވެސް، ކުރިއަށް އޮތް 2 ވަނަ ދައުރަކީ ގޮންޖެހުންތަކާ ތަކުލީފުތައް ބޮޑުވާނެ ދައުރެއް ކަމަށް މުރާސިލުން ބުނެއެވެ. އެގޮތުން، ގާނޫނުތައް ފާސްކޮށް ހެދުމަށް އެހެން ޕާޓީތަކުގެ އެއްބާރުލުމާ އެހީތެރިކަން ލިބަރަލް ޕާޓީއަށް ބޭނުންވާނެއެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށް ނިމޭއިރު ޓްރޫޑޯގެ ޕާޓީއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ ގާނޫނު ހަދާ މަޖިލީހުގެ 156 ގޮނޑިއެވެ. މިއީ ސާފު އަޣުލަބިއްޔަތަށްވުރެ 14 ގޮނޑި، މަދު އަދަދެކެވެ. ޓްރޫޑޯގެ އެންމެ ބޮޑު ވާދަވެރިން ކަމަށްވާ ކަންޒަވޭޓިވްސްއަށް 122 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭއިރު މިއީ، ޓްރޫޑޯގެ ފުރަތަމަ ދައުރާ އަޅާ ބަލާއިރު 95 ގޮނޑި އިތުރު އަދަދެކެވެ.

ކެނެޑާގައި ނިންމާލި ފެޑެރަލް އިންތިހާބަކީ އެގައުމުގެ ވެރިކަމުގައި ޓްރޫޑޯ ހުންނަން ފެނޭތޯ ނުވަތަ ނޫންތޯ ނުސީދާކޮށް ބަލާނެ ފުރުސަތެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.

ކެނެޑާގެ ބޮޑުވަޒީރުކަމާ 2015 ވަނަ އަހަރު ޓްރޫޑޯ ހަވާލުވެވަޑައިގަތީ ބޮޑެތި ބަދަލުތަކެއް ގައުމަށް ގެނެސްދެއްވާނެ ކަމުގެ ވައުދުތަކާއެކުގައެވެ. ނަމަވެސް ވެރިކަމަށް 4 އަހަރު ފުރިގެން ދިޔައިރުވެސް އެކަށީގެންވާ ގޮތެއްގައި ޓްރޫޑޯގެ ސަރުކާރަށް މަސައްކަތްތަކެއް ކުރެވިފައި ނުވާކަމުގެ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.