ހުޅަނގުގެ ގައުމުތަކުން އޮތީ ޓެރަރިސްޓުންނާއި އެކުގައި ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ސޫރިޔާގެ އިރު އުތުރުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދިޔަ ކުރުދީން ބަލިކުރުމުގެ ނަމުގައި ތުރުކީވިލާތުން ސޫރިޔާގައި ފެށި އަސްކަރީ އޮޕަރޭޝަނަށް ވިލާތުގެ އިއްތިހާދާ ނޭޓޯގެ މެމްބަރު ގައުމުތަކުގެ އެއްބާރުލުން ލިބެމުން ނުދާކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، ހުޅަނގުން ޓެރަރިސްޓުންނާއެކު އޮވެގެން ތުރުކީއަށް ހަމަލާ ދެމުންދާކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ، ހުޅަނގުން ޓެރަރިޒަމަށް ތާއީދުކުރަން ފެށީ ކޮން އިރަކުތޯ ސުވާލުކުރައްވާފައެވެ. އަދި ކުރުދީ ހަނގުރާމަވެރިން ނޭޓޯއާއި ގުޅުފައިވޭތޯވެސް އުރުދުޣާންވަނީ ފުރައްސާރައިގެ މޭރުމަކުން ސުވާލު ކުރައްވާފައެވެ.

ތުރުކީވިލާތުން ބުނާ ގޮތުގައި ކުރުދީންނަކީ ޓެރަރިސްޓް ޖަމާއަތެކެވެ. ކުރުދީންނަކީ ތުރުކީވިލާތުގައި އުފެދިގެންދިޔަ ޕީކޭކޭގެ ގޮތްޕެކެވެ. ޕީކޭކޭއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ތުރުކީވިލާތުގެ އިތުރުން އެމެރިކާއާއި ވިލާތުގެ އިއްތިހާދުންވެސް ވަނީ ބަލައިގެންފައެވެ.