ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާ މީހުން ދައުލަތުގެ މަގާމުގައި ތިބިގެން ނުވާނެ ކަމަށާއި، ރައްޔިތުން އެކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި މިހާރުގެ ބައެއް ވަޒީރުންނާއި ފަނޑިޔާރުންނާއި އަދި މަޖިލިސް މެމްބަރުންވެސް ބައިވެރިވާކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އާއިޝަތު ބިޝާމް ތުހުމަތު ކުރެއްވުމާއި ގުޅިގެންނެވެ. ޕީޖީ ބިޝާމް މިކަން ހާމަކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ބިޝާމް ހާޒިރު ކުރުމުންނެވެ. ޕީޖީ ބިޝާމް ވިދާޅުވީ، ނަމަވެސް، އެ މެންބަރުންގެ ނަންތައް ހާމަ ކުރައްވައިފި ނަމަ، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށެވެ. ބިޝާމް ވިދާޅުވީ އެ ކޮމެޓީގައިވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ މެންބަރުން ތިއްބެވި ކަމަށެވެ. ޕީޖީ ބިޝާމް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މިހާތަނަށް ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވުމަށް ބޭއްވުނު ކޮމިޓީ ބައްދަލުވުމަށެވެ.

ބިޝާމް ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވެނީ ކިތަށް މެންބަރުންނަށްތޯ ނުވަތަ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވީ ކިތަށް ބޭފުޅުން ކަން ވިދާޅުވުމަށް ދަތި ކަމަށާއި، މިއީ ތަހުގީގު މަރުހަލާގައި ކުރިއަށްދާ މައްސަލައެއް ކަމުން މައްސަލައާ ބެހޭ މާ ގިނަ މައުލޫމާތެއް ރަސްމީ ސިފައެއްގައި އެނގި ވަޑައިނުގަންނަވާ ކަމަށެވެ. މީގެ އިތުރުން ބިޝާމް ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މަޖިލިސް މެންބަރުންގެ ލިސްޓެއް ތައްޔާރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގައި ހިމެނޭ މެމްބަރުންގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ޕީޖީ އުޒުރުވެވަޑައިގެންނެވި އިރު މެމްބަރުންގެ ގޮތުގައި އެ ވަގުތު ތިއްބެވީ ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ.

އެމްޕީއާރުސީގެ ހިޔާނާތް އެކެއް ޕޮއިންޓު ހައެއް ބިލިއަން ރުފިޔާއަށް އަރައެވެ.