ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ފިލްމް "ޖޯކާ"ގެ މައްޗަށް ކުރި ހޯދާ، ވޯލްޓް ޑިޒްނީ ޕިކްޗާޒްގެ "މެލެފިސަންޓް: މިސްޓްރަސް އޮފް އީވްލް"އިން ހަފުތާ ބަންދުގެ ބޮކްސް އޮފީސް ރެކޯޑް މުގުރާލައިފިއެވެ.
އެމެރިކާއިން އެކަނި މި ފިލްމަށް 36 މިލިއަން ޑޮލަރު ލިބުނުއިރު، ދުނިޔޭގެ އެކި ހިސާބުތަކުން "މެލެފިސަންޓް: މިސްޓްރަސް އޮފް އީވްލް" ވަނީ 153 މިލިއަން ޑޮލަރު ހޯދާފައެވެ. މި ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބިފައިވަނީ، މިއީ ފާއިތުވީ 4 އަހަރު ދުވަހުގެ ތެރޭގައި ލައިވް އެކްޝަން ފިލްމެއްގައި އެންޖެލީނާ ޖޯލީ ކުރި ފުރަތަމަ މަސައްކަތަށް ވުމުން ކަމަށްވުން އެކަށީގެންވެއެވެ.
ހަފުތާ ބަންދުގެ ބޮކްސް އޮފީސް ޗާޓުގެ 2 ވަނާގައި އޮތީ ޑީސީ ކޮމިކްސްގެ "ޖޯކާ"އެވެ. އެމެރިކާގެ ސިނަމާތަކުން ހަފުތާ ބަންދުގައި މި ފިލްމަށް 29.2 މިލިއަން ޑޮލަރު ލިބުނުއިރު ދުނިޔޭގެ އެކި ކަންކޮޅިތަކުން މި ފިލްމަށް ވަނީ 737.5 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ "މޭން އޮފް ސްޓީލް"އަށްވުރެ ވެސް އިތުރު އަދަދަކަށް ވުމާއެކު، މިއީ ބޮކްސް އޮފީހުގެ ތާރީހީ ރެކޯޑެއް މުގުރާލާނެ ފިލްމެއް ކަމަށް ބެލެވެއެވެ.
ބޮކްސް އޮފީސް ޗާޓުގެ 3 ވަނާގައި 26.7 މިލިއަން ޑޮލަރާއެކު ސޮނީގެ "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" އޮތްއިރު މި ހަފުތާގައިވެސް 4 ވަނަ ގެންދަނީ 16 މިލިއަން ޑޮލަރާއެކު އެމްޖީއެމްގެ "ދި އެޑަމްސް ފެމިލީ"އެވެ.
ހަފުތާ ބަންދުގެ ބޮކްސް އޮފީސް ޗާޓުގެ 5 ވަނާގައި އޮތީ މިދިޔަ ހަފުތާ ބަންދުގެ 3 ވަނަ ގެންދިޔަ ޕެރަމައުންޓް ގެ "ޖެމިނީ މޭން"އެވެ.