ގިނަ މީހުންނަކީ އުމުރު ދޮށި ވަމުންދާ ވަރަކަށް ޅައުމުރުގެ ބައެއް އާދަތަކާ ދުރުވާ މީހުންނެވެ. އެގޮތުން ކުޑައިރު އެންމެ ގިނައިން ކޮށް އުޅުނު، އެހެންނަމަވެސް ބޮޑުވަމުން އަންނަ ވަރަކަށް ދުރުވެވިފައިވާ އެއް އާދައަކީ ޗުއިންގަމް ކެއުމުގެ އާދައޭ ދެންނެވިދާނެއެވެ. ތަސައްރަފު ފުދި އަމިއްލަ ފައިމައްޗަށް ތެދުވެވުމާއިއެކު ލިބުނު މިނިވަންކަމުގެ ފައިދާއިން އަނގަ މީރުކޮށްލަން ކޮންމެވެސް އެހެން އެއްޗެއް އިހުތިޔާރު ކުރެވެނީއެވެ. ކަންމިހެން އޮތްނަމަވެސް، ޗުއިންގަމް ކައިގެން ބަރުދަން ލުއި ކުރެވިދާނެ ކަމަށް ގަބޫލުކޮށްފާނަން ހެއްޔެވެ؟ އާނއެކެވެ. މިއީ ކުރެވިދާނެކަމެކެވެ. މިވާ ގޮތެއް ބަލަމާ ހިނގާށެވެ.

ޗުއިންގަމް ކައިގެން ބަރުދަން ލުއިކުރުން

ދިރާސާތަކުން ދައްކާ ގޮތުގައި ޗުއިންގަމް ކެއުމަކީ ކޫސަނި އެއްޗިހި ކާހިތްވުމުން ދުރުކޮށްދޭ ކަމެކެވެ. އަދި އާދަޔާ ހިލާފަށް ގިނައިން ކެއުމުގެ އާދައާއިވެސް ދުރުކޮށްދޭ ކަމެކެވެ. ބަނޑުހައިހޫނުކަން ކޮންޓްރޯލް ކުރުމަށް ކުޑަކުޑަ ޗުއިންގަމް އެހީތެރިވެދެއެވެ. މިއާއެކު ހަށިގަނޑުން ބަރުދަން ލުއިކޮށްލެވެއެވެ. އެހެންވީއިރު، މި ވަނީ ކިހިނެއް ހެއްޔެވެ؟

ދިރާސާ

ޗުއިންގަމް ކެއުމަކީ ކެލަރީޒް އަންދާލުމަށް އެހީވެދޭ ކަމެކެވެ. ޔުނިވާސިޓީ އޮފް ރޯޑް އައިލަންޑްއިން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ގަވައިދުން ކޮންމެ ދުވަހަކު ޗުއިންގަމް ކާ މީހުންގެ ހަށިގަނޑަށް ކެލަރީޒް އިތުރުވަނީ އެނޫން މީހުންނަށްވުރެ މަދުންނެވެ. އެގޮތުން ޗުއިންގަމް ކާ މީހުންގެ ހަށިގަނޑަށް އެތެރެ ވަނީ 68 ކެލަރީޒް މަދުން ކަމަށް މި ދިރާސާއިން ދައްކައެވެ. އަދި މިމީހުންނަކީ ދުވާލުގެ އެހެން ވަގުތުތަކުގައި ކޫސަނި އެއްޗިހި ކެއުމާވެސް ދުރުވެވިފައި ތިބޭ ބަޔަކަށްވާ ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ. ކަންމިހެން އޮތްއިރު، ގަވައިދުން ޗުއިންގަމް ކާ މީހުންގެ ހަށިގަނޑުން އެނޫން މީހުންނަށްވުރެ 5 ޕަސެންޓް އިތުރަށް ކެލަރީޒް އަންދާދޭކަމަށްވެސް މި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

މީހަކު ޗުއިންގަމް ކަނީ/ފޮޓޯ: ޕްރެސްފްރޮމް

ލުއިޒިއާނާ ސްޓޭޓް ޔުނިވާސިޓީއިން ކުރިއަށް ގެންދިޔަ ދިރާސައަކަށް ބަލަމާ ހިނގާށެވެ. މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު ކާހިތްވާ މިންވަރު ކޮންޓްރޯލް ކުރުމަށް ޗުއިންގަމް އެހީތެރިވެދޭކަން ވަނީ ސާބިތުވެފައެވެ. މިއާއެކު ދިރާސާގެ ބައިވެރިންގެ ހަށިގަނޑަށް ދުވާލެއްގެ މައްޗަށް އެތެރެވީ ކެލަރީޒްގެ މިންވަރު ދަށްކުރެވިފައިވާކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޗުއިންގަމް ކެއުމުގެ ސަބަބުން ހަށިގަނޑަށް އެތެރެވަނ 40 ކެލަރީޒް މަދުންކަމަށް މި ދިރާސާ ބުނެއެވެ.

ބަރުދަން ލުއިކުރަން ޗުއިންގަމް ކާންވީ ކޮންއިރަކު؟

ބަރުދަން ލުއިކުރަން ބޭނުންވެ، އެހެންނަމަވެސް އެކަން ކާމިޔާބު ނުވެފައި ތިބި މީހުން ޗުއިންގަމް ކާން އެންމެ ރަނގަޅު ގަޑިއަކީ ކޮންމެވެސް ކަހަލަ ތައްޔާރީ ލުއިކާނާއެއް ނުބަތަ ކޫސަނި އެއްޗެއް ކާހިތްވާ ވަގުތުގައެވެ.

މީގެ އިތުރުން ދުވަހުގެ މައިގަނޑު ކެއުމަށް ކަނޑައަޅާފައިވާ މިންވަރު ހަމަކުރުމަށްފަހުގައިވެސް ޗުއިންގަމް ކާށޭވެ. އޭރުން ބަނޑު ނުފުރެޔޭ ހިތާ، އިތުރަށް ކެވޭ މިންވަރު އެތައް ގުނައެއް ކުޑަކުރެވި، ބަރުދަން ލުއިކުރުމަށް އެހީވެދޭނެއެވެ.

ގެއިން ބޭރަށް ދާއިރުވެސް ދަބަހުގައި ނުވަތަ ޖީބުގައި ޗުއިންގަމް ގެންގުޅުން ބުއްދިވެރިއެވެ. މިއީ މަގުމަތީގައި އުޅޭއިރުވެސް ކޫސަނި ލުއި ކާނާތައް ކެއުމަށް ހިތް ދާ ފަހަރަކު ބޭނުން ކުރަން އޮތް ހަތިޔާރެއް ކަމުގައި ދެކޭށެވެ.

ބޮޑީބިލްޑުކުރުމަށް ބަރު ކަސްރަތުކުރަނީ/ފޮޓޯ: ގެޓީއިމޭޖަޒް

ހަމަ މިއާއެކު، ގޭގައި މީރު އެއްޗެއް ކައްކަން އުޅޭއިރުވެސް ޗުއިންގަމް ކެއުން ބުއްދިވެރިއެވެ. އަތުގައި ހޭކުނަސް، ދަތުގައި ހޭކުނަ ނުދޭށެވެ.

މި ގޮތް ގޮތަށް އަމަލުކޮށްގެން ދުވާލެއްގެ މައްޗަށް ހަށިގަނޑަށް އެތެރެވާ ޖުމުލަ ކެލަރީޒް އިން 50 ކަލަރީޒް މަދުކުރެވުނުކަމުގައި ވީ ނަމަވެސް، ދިގު މުއްދަތަކަށް ބަލާނަމަ މިއީ ހާދަ ބޮޑުވަރެކެވެ.

މި ހުރިހާ ކަމެއްގެ އިތުރުން، ހަނދާނުގައި ބަހައްޓަންޖެހޭ އިތުރު ކަމެއްވެސް އެބައޮތެވެ. ހިތުހުރި އެއްޗެއް، ހިތު ހުރި މިންވަރަކަށް ކެއުމަށް ފަހުގައި ޗުއިންގަމް ކައިގެން ހިކި ދާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެއެވެ. ބަރުދަން ލުއިކޮށް ހިކެން ބޭނުންނަމަ، ހަށިގަނޑަށް ފައިދާ ހުރި ކާނާއަށް ބަދަލެ، ގަވައިދުން ކަސްރަތުވެސް ކުރަން ވާނެއެވެ.

ދިރިއުޅުމުގެ އާދަތަކަށް ގެންނަ ކުދިކުދި ބަދަލުންވެސް މިކަން ހާސިލުވާން ފަށާފާނެއެވެ. އެގޮތުން، ލިފްޓުގެ ބަދަލުގައި ސިޑިބަރި ބޭނުންކުރުމާ، ދަރިން ގޮވައިގެން ސްކޫލު ދޮށަށް ހިނގުމާ، އަމިއްލަ އާއިލާއަށް ބޭނުންވާ ވަރަށް އަމިއްލައަށް ކެއްކުމާ، ފިހިގަނޑާ މޮޕް ފަދަ އާލާތްތައް ބޭނުންކޮށްގެން ގަވައިދުން ގޭތެރެ ކުނިކަހާ، ފޮޅާ ސާފުކޮށް ހެދުމަކީ ދިގު މުއްދަތަކަށް ބަލާނަމަ ހަށިގަނޑަށް އޭގެ ފައިދާ ކޮށްދޭނެ ކަންކަމެވެ. ނަމަވެސް ދިވެހިންގެ ދިރިއުޅަމަށް އައި "ތަހުޒީބީ ތަނަސްވަކަން" ދިވެހިން ކަންނެތް ކުރުވައިފިއެވެ. މިއިން ކޮންމެ މައްސޫލިއްޔަތެއް އަދާކުރުމަށް އަތުގެ ކޮންމެ އިނގިއްޔަކަށް ބިދޭސީއަކު ހުރެއެވެ.

ޓިޕް

ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނާނެއެވެ. މެދު މިންގަނޑެއްގައި ހިފަހައްޓަން ދަސްކުރަންޖެހެއެވެ. ބަރުދަން ލުއިކުރަން ޗުއިންގަމް ކެއުންވެސް އޮތީ ހަމަ މިހެނެވެ. ހަމައެކަނި ޗުއިންގަމް ކައިގެނެއް މިކަމެއް ނުވާނެއެވެ. ހަށިގަނޑަށް ބޭނުންވާ މާއްދަތަށްވެސް ހަށިގަނޑަށް ހޯދާދޭންޖެހޭނެއެވެ. އަދި ބޭނުންކުރާ ޗުއިންގަމަކީ ހަށިގަނޑަށް އިތުރު ގެއްލުމެއް ދޭ އެއްޗަކަށްވެސް ވެގެން ނުވާނެއެވެ. އެހެންކަމުން ހަކުރު ނާޅާ ހުންނަ ޗުއިންގަމެއް އިހުތިޔާރު ކުރުން ކަހަލަ ކަމެއް ކުރުން އެދެވިގެންވެއެވެ.

އަންހެނަކު ބަދިގޭގައި ކައްކަނީ/ފޮޓޯ: މަންޗީޒް

މީގެ އިތުރުން، ޗުއިންގަމް ކެއުމަކީ އަނގައިގެ ތެރެއިން ލާފައި ހަށިގަނޑުގެ ތެރެއަށް ގިނަ އަދަދަކަށް ވައި ފޮނުވާކަމެކެވެ. މާ ގިނައިން މިކަން ދިމާވެއްޖެނަމަ ބްލޯޓްވުން ފަދަ ތަކުލީފެއް އުފުލަންޖެހުން އޮންނަނީ އިންތިހާ ގާތުގައެވެ.

ތިބާއަކީ ދާއިމީ ނުވަތަ އެނޫންވެސް ބޮޑު ބައްޔަކަށް ބޭސް ކުރާ މީހެއް ނަމަ، މިފަދަ އުކުޅެއް ބޭނުން ކުރަން ފެށުމުގެ ކުރިން، ޑޮކްޓަރެއްގެ އިރުޝާދާ ލަފާ ހޯދަންވާނެއެވެ.