އޮސްޓްރޭލިއާގެ ސަރުކާރުން މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅާކަމަށް ބުނެ އެގައުމުގެ އެންމެ ވާދަވެރި ނޫސް އިދާރާތަކުން އެއްގަލަކަށް އަރާ، ސަރުކާރާ ދެކޮޅަށް އާދަޔާ ހިލާފު އިހުތިޖާޖެއް ކޮށްފިއެވެ.
އެގޮތުން އޮސްޓްރޭލިއާގެ އެންމެ ބޮޑެތި ނޫސް އިދާރާތަކުން މިއަދު ޝައިއުކުރި ދުވަހު ނޫސްތަކުގެ ފުރަތަމަ ސޮފްހާގައި ހިމަނާފައިވަނީ ކަޅުކުލައިގެ މާކަރަކުން ސެންސަރުކޮށްފައިވާ ލިޔުންތަކެކެވެ.
ނިއުސް ކޯޕަރޭޝަން އޮސްޓްރޭލިއާގެ އިތުރުން، 9 ނޫސް އިދާރާއަކުން މިއަދު ޝާއިއުކުރި ނޫސްތަކުގެ ފުރަތަމަ ސޮފްހާގައި ރަތްކުލައިގެ ސިއްކައަކުން "ސިއްރު" ޖަހާފައިވާކަންވެސް ފާހަގަކުރެވެއެވެ.
މި އިހުތިޖާޖަކީ ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅި، ކަންކަން ސިއްރު ކުރުމުގެ ސަގާފަތެއް އެ ގައުމުގައި އުފެދެމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ނޫސްވެރިން ކުރަމުން އަންނަ އިހުތިޖާޖެއް ކަމަށް މައުލޫމާތު ލިބެއެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ބުނީ، ނޫސްވެރިންނަށް އޮތް މިނިވަންކަމަށް ތައީދުކުރާ ކަމަށާ، ނަމަވެސް އެއްވެސް މީހަކީ ގާނޫނަށްވުރެ މަތިން އައިސް ހުރި މީހެއް ނޫންކަމަށެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އޮސްޓްރޭލިއާގެ ފުލުހުން ވަނީ އޮސްޓްރޭލިއަން ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އޭބީސީ)ގެ އިތުރުން ނިއުސް ކޯ އޮސްޓްރޭލިއާގެ ނޫސްވެރިއަކު ދިރިއުޅެމުންދިޔަ ގެއެއް ރެއިޑްކޮށްފައެވެ. މިކަމާ ގުޅިގެން ނޫސްވެރިންގެ މެދުގައި ވަނީ ހިތްހަމަނުޖެހުން އުފެދިފައެވެ.
މީޑިއާ އިދާރާތަކުން ބުނާ ގޮތުގައި ރެއިޑްއާއި ގުޅުން ހުރި ލިޔުންތައް ލިޔުނު ނޫސްވެރިން އެ ލިޔުމަށް މައުލޫމާތު އެއްކޮށްފައިވަނީ ވިސަލްބްލޯވަރުން އާންމުކުރި މައުލޫމާތު މައްޗަށް ބަރޯސާވެ ތިބެގެންނެވެ. މި ލިޔުންތަކުން ހާމަކުރި ބައެއް ތުހުމަތުތަކުގެ ތެރޭގައި ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތުތަކުގެ އިތުރުން، އޮސްޓްރޭލިއާގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް ފާރަލާ ކަމުގެ ތުހުމަތުތަކަކާ ގުޅުންހުރި ވާހަކަތަކެއް ވަނީ ފެންމަތިކޮށްފައެވެ.
"ރައިޓް ޓު ނޯ ކޯލިޝަން" ނުވަތަ މައުލޫމާތު އެނގުމުގެ ހައްގު އެބައޮތްކަމަށް ވަކާލާތު ކުރަމުންދާ އިއްތިހާދުގެ ހަރަކާތްތަކުގައި އޮސްޓްރޭލިއާގެ ނޫސް އިދާރާތަކުގެ އިތުރުން ބްރޯޑްކާސްޓް މީޑިއާއިންވެސް މިއަދު ބައިވެރިވާކަމަށް ޚަބަރު ލިބެއެވެ.
ނޫސް އިދާރާތަކުން ބުނަމުންދަނީ ސަލާމަތީ ސަބަބުތަކާ ހެދިކަމަށް ބުނެ ތަންފީޒުކުރަމުންދާ ގާނޫނުތަކުގެ ސަބަބުން، ފުރިހަމަ ތަހުގީގީ ނޫސްވެރިކަމަކަށް ހުރަސް އެޅި، ކަންކަން ދެނެގަތުމާ އެނގުމަށް ރައްޔިތުންނަށް ލިބިދީފައި އޮތް ހައްގަށް އުނިކަން ލިބިގެންދާކަމަށެވެ.
އޮސްޓްރޭލިއާގެ ބައެއް ނޫސްވެރިން ތުހުމަތު ކުރާ ގޮތުގައި މިއަދު އެގައުމަކީ އެންމެ "ސިއްރިއްޔާތު" ބޮޑު ޑިމޮކްރަސީއެވެ. ކަންމިހެން އޮތްއިރު އޮސްޓްރޭލިއާއަކީ ނޫސްވެރިކަމާ މީޑިއާގެ ރޮނގުން އެންމެ ޒަމާނީ ފެންވަރަށް ޑޮކްޓަރޭޓް ސަނަދަށް ފުޅާދާއިރާއެއްގައި ތައުލީމު ފޯރުކޮށްދެމުންދާ ގައުމެކެވެ.