އުމުރުން 6 އަހަރުގެ ކުޑަކުއްޖެގެ ފުއްޕާމޭގައި ތާށިވެފައި އޮތް ލެގޯ ކޮޅެއް ނެގުމަށް އައިޖީއެމްއެޗްގެ ޓީމުން ކުރި ކާމިޔާބު އޮޕަރޭޝަނަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ހިތްވަރު ދެއްވައިފިއެވެ.

ޑރ. ފައިސަލް ވިދާޅުވީ، އެ ކުޑަކުއްޖާގެ ފުރާނައަށް ގެއްލުންވާ ފަދަ ނުރައްކާތެރި ކަމަކުން ސަލާމަތްވީތީ ﷲ އަށް ހަމްދު ހުރި ކަމަށެވެ. އަދި އެ ކުއްޖާގެ ފުއްޕާމެއިން ލެގޯ ނެގުމަށް ކުރި ކާމިޔާބު އޮޕަރޭޝަންނަށް އައިޖީއެމްއެޗްގެ ޓީމަށް "ސާބަސް" ވިދާޅުވެ ހިތްވަރު ދެއްވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ، މިއީ އާންމު ކޮށް ހިނގާ ކަމެއް ކަމަށާއި، އަދި އެފަދަ ކަމެއް ހިނަގއިފި ނަމަ ކުއްޖާގެ ފަރާތުން އެކަން ދެނެގަންނާނެ އަލާމާތްތައް ކިޔައި ދެއްވިއެވެ. އެގޮތުން، ކޮށިއެރުމާއި ކެއްސުމާއި، ނޭވާލާ އިރު "ވީޒް" އަޑު ކިޔުމާއި، ނޭވާލާން އުނދަގޫވުން ހިމެނޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން ފައިސަލް ވިދާޅުވީ، އެ އަލާމާތްތައް ކުއްލި ކުއްލިއަށް ފެނިފައި ރަނގަޅުވެސް ވާ ކަމަށެވެ.

އިއްޔެ އައިޖީއެމްއެޗް ހޮސްޕިޓަލުގައި 6 އަހަރުގެ ކުޑަކުއްޖެއްގެ ފުއްޕާމޭގައި ލެގޯ ކޮޅެއް ތާށިވެފައި އޮތުމުން އެ ނެގުމަށް ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. އެ އޮޕަރޭޝަން ކޮށްފައި ވަނީ ފުއްޕާމެއާއި ނޭވާލާ ނިޒާމާ ބެހޭ އެ ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުން ގެ ޓީމަކުންނެވެ. އައިޖީއެމްއެޗުން ބުނީ، ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ކުއްޖާއާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ލެގޯ އަކީ ވަރަށް ގިނަ ކުޑަކުދިން ކުޅެން ބޭނުން ކުރާ، ރާވާގޮތަށް ކުދި އެތިކޮޅު ކޮޅު ހުންނަ ކުޅޭ އެއްޗެކެވެ.

އައިޖީއެމްއެޗުން މީގެ ކުރިންވެސް ވަނީ ބުރުގާގައި ޖަހާ ޕިނެއް މީހެއްގެ ނޭވާލާ ނިޒާމުގައި ހަރުލައިގެން އެ ނެގުމަށްވެސް ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައެވެ.