މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް – ފޭސްބުކްގައި ދައުރުކުރަމުންދާ މެސެޖުތަކާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ދިން ބަޑީގެ ހަމަލާތަކެއްގައި 4 މީހެއްގެ ފުރާނަ ގެއްލިއްޖެއެވެ.

ލާދީނީ މެސެޖުތަކާ ގުޅިގެން އެތައް ހާސް މުސްލިމުންނެއް ބަންގްލަދޭޝްގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައިވާއިރު، ބޮޑުވަޒީރު ޝައިހު ހަސީނާ ވަނީ ހަމަޖެހުން ގާއިމު ކުރުމަށް ގޮވާލައްވާފައެވެ.

168 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ 90 ޕަސެންޓް މީހުންނަކީ މުސްލިމުން ކަމަށް ވާއިރު، ލާދީނީ މެސެޖުތަކާ ގުޅިގެން އެގައުމުގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު ފުލުހުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އާދީއްތަ ދުވަހު ކުރިއަށްދިޔަ މުޒާހަރާއަކީ، އޮންލައިން މެސެޖުތަކެއް މެދުވެރިކޮށް ދީނީ ނުތަނަވަސްކަމާ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރުމުގެ ކުށުގައި ހައްޔަރުކޮށްފައި ހުރި ހިންދޫ ދީނުގެ ފިރިހެނަކު މަރާލުމަށް ޑިމާންޑްކޮށް، ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ. މި މުޒާހަރާގައި 20000 އެއްހާ މީހުން ބައިވެރިވި ކަމަށް ޚަބަރު ލިބެއެވެ.

މުޒާހަރާގެ ބައިވެރިންގެ ބަޔަކު މަރުވީ ފުލުހުން ދިން ބަޑީގެ ހަމަލާތަކެއްގައި ކަމަށް ވާއިރު، ބަންގާޅު ފުލުހުން ބުނަމުންދަނީ، ބަޑީގެ ހަމަލާ ދީފައިވަނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ. އެގޮތުން ބަޑި ޖަހަން ޖެހުނީ، ފުލުހުންނާ ދިމާލަށް މުޒާހަރާގެ ބައިވެރިން އޮއްގާ އުކުމުގެ ސަބަބުން ކަމަށް ބަންގާޅު ފުލުހުން ދަނީ ބުނަމުންނެވެ.

ބަންގާޅު ފުލުހުންގެ އިންސްޕެކްޓަރެއް ކަމަށްވާ ސަލާހުއްދީން މިއާ ވިދާޅުވީ، އެ ހަމަނުޖެހުމުގައި 4 މީހެއްގެ ފުރާނަ ގެއްލިދިއުމުގެ އިތުރުން، 50 މީހަކަށް އެކި ވަރުގެ ޒަހަމްތައްވެސް ލިބިފައިވާކަމަށެވެ. އަދި ހަމަޖެހުން ކޮންޓްރޯލު ކުރުމަށްޓަކައި އިތުރު ފުލުހުންވެސް މުޒާހަރާގެ މައިދާނަށް ފޮނުވާފައި ވާކަމަށްވެސް އިންސްޕެކްޓާ ވަނީ ހާމަކުރައްވާފައެވެ.

ސަރަހައްދުގައި ހަރަކާތްތެރިވާ ޑޮކްޓަރެއް ކަމަށްވާ ތޮއްޔިބުއް ރަހްމާން ބުނީ، މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދިއުން އެކަށީގެންވާކަމަށެވެ. އެގޮތުން އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު 43 މީހުންގެ ތެރެއިން 7 މީހަކު މިހާރުވެސް އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް އެ ޑޮކްޓަރާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ބަންގްލަދޭޝްގައި މިހާރު ހިންގަމުންދާ ދީނީ ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު ހަސީނާ ވިދާޅުވީ، ދީނީ ހަމަނުޖެހުން އުފެއްދުމުގެ ކުށުގައި ހައްޔަރު ކޮށްފައި ހުރި މީހާގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައި ވާކަމަށާ، އޭނާގެ އެކައުންޓް ހެކްކޮށް، ދޮގު މައުލޫމާތު ފަތުރަމުން ދަނީ މުސްލިމެއް ކަމަށެވެ. މިގޮތަށް އަމަލު ކުރުމުގެ މަގުސަދަކީ ކޮބައިތޯވެސް ހަސީނާ ވަނީ ސުވާލު އުފައްދަވާފައެވެ.