ސަރުކާރުގެ ކޮރަޕްޝަން އިންތިހާއަށް ގޮސް، އިގުތިސޯދީ އަނދަވަޅަކަށް ވެއްޓިފައިވާ ލުބްނާނުގެ ސިޔާސީ ލީޑަރުންނާ ދެކޮލަށް އެގައުމުގެ ރައްޔިތުން އެއްގަލަކަށް އަރައިގެން ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.
ފާއިތުވީ 4 ދުވަހަށް ދެމިގެންދިޔަ ސިލްސިލާ މުޒާހަރާތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު މަގުމައްޗަށް ނިކުމެފައިވަނީ އިއްޔެ ކަމަށް މެދުއިރުމަތީގެ ޚަބަރުތައް ބުނެއެވެ. މުޒާހަރާގެ ބައިވެރިންގެ ބާރު ގަދަވަމުންދާ ވަރަކަށް ވެރިރަށް ބެއިރޫތްއާއި 2 ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ތުރާބުލުސްގެ އިތުރުން ދެކުނު ބަނދަރުގެ ތައީރު ސަރަހައްދުގެ އާންމު ދިރިއުޅުން މުޅިންހެން ހުއްޓުމަކަށް އައިސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އެކި ފިކުރުތަކުގެ ޢާންމު ރައްޔިތުން އެއްގަލަކަށް އަރައިގެން މުޒާހަރާކުރަމުންދަނީ ލުބްނާނަށް "އިންގިލާބެއް" ގެނައުމުގެ އަމާޒުގައި ކަމަށް ބެލެވެއެވެ.
ރައްޔިތުންނަކީ އެއް ބައެއް!
ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މުޅި ލުބްނާނުގައި މިއަދު ބޮޑު ހަޅުތާލެއް ކުރިއަށްދާނެއެވެ. މިއީ ސަރުކާރު "އޯވާހޯލް" ކުރުމަށް ޑިމާންޑްކޮށްގެން ކުރިއަށް ގެންދާ ހަޅުތާލެކެވެ.
ގައުމީ ފެންވަރުގެ ހަޅުތާލެއް ކުރުމަށް ލުބްނާނުގެ ރައްޔިތުން އެއްގަލަކަށް އަރާފައިވާ މިދަނޑިވަޅަކީ، އިސްލާހީ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ބޮޑުވަޒީރު ސާދު އަލް-ހަރީރީ ވައުދުވެވަޑައިގެންފައިވާ ދަނޑިވަޅެކެވެ. މީގެ އިތުރުން ލުބްނާނުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އިއްޔެގެ ވަގުތެއްގައި، މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.
ގައުމު ވެއްޓިފައިވާ އިގުތިސޯދީ އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި ރައްޔިތުންގެ މައްޗަށް އިތުރު ޓެކްސްތަކެއް ލާޒިމުނުކޮށް ހައްލު ހޯދުމަށް، ލުބްނާނުގެ ރައްޔިތުން މިދިޔަ ހުކުރު ދުވަހު ވަނީ 72 ގަޑިއިރުގެ މުހުލަތެއް ލުބްނާނުގެ ސަރުކާރަށް ދީފައެވެ.
މިއާއެކު އާ ޓެކްސްތަކެއް ތައާރަފު ނުކުރާނެ ކަމަށް ލުބްނާނުގެ ސަރުކާރުން ބުނި ނަމަވެސް، މިހާ ހިސާބުން އަދި ފަރުޖައްސާލެވެން ނެތްކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.
ލުބްނާނު ހުއްޓުމަކަށް
ލުބްނާނުގެ އުތުރާ ދެކުނު ގުޅުވާދޭ ބޮޑެތި މަގުތައް ބަންދުކޮށް ޓްރެފިކް ދަތުރުތަކަށްވެސް ވަނީ ހުއްޓުން އައިސްފައެވެ. ބެލެވޭ ގޮތުގައި ފިހާރަތަކާ ސްކޫލްތަކުގެ އިތުރުން ބޭންކު ފަދަ ހިދުމަތްދޭ ތަންތަންވެސް ބަންދުވާނެއެވެ.
މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ އެގައުމުގެ ސިޔާސީ ލީޑަރުންގެ ފަރާތުން ރައްޔިތުންގެ އަތުން އެތައް އެއްޗެއް އަތުލަމުންދާއިރު، ބަދަލުގައި ރައްޔިތުންނަށް އެއްވެސް އެއްޗެއް ނުލިބޭ ކަމުގެ ޝަކުވާއެވެ. 2005 ވަނަ އަހަރުން ފަށައިގެން ސިޔާސީ ލީޑަރުންވަނީ ވައުދު އެކަނި ކަމަށާ، އަމަލީ ގޮތުން އެއްވެސް ކަމެއް ކުރެވިގެންދާތަން ފެނިފައި ނުވާކަމަށްވެސް ލުބްނާނުގެ ސިޔާސީ ލީޑަރުންނާ ދެކޮޅަށް ތެދުވި އެގައުމުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.
ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރި ކަމުގައި ވީ ނަމަވެސް ގައުމީ ދިދައިގެ ދަށުގައި ލުބްނާނުގެ ރައްޔިތުންގެ އާބާދީ މިއަދު އޮތީ ސިޔާސީ ލީޑަރުންނާ ދެކޮޅަށް އެކަތިގަނޑަކަށްވެފައެވެ. ޝީޢީއެއް، ސުންނީއެއް ނަސޯރާއެއް ބެލުމެއް ނެތި ހުރިހާ ރައްޔިތުން މިއަދު ތިބީ އެއް ރޫހެއްގައި ގައުމު އިސްލާހު ކުރުމަށް އަތުކުރި އޮޅާލައިގެން މުޒާހަރާގެ ބައިވެރިން ގަބޫލުކުރެއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ލުބްނާނުގެ އާންމު ދަރަނި ވަނީ ގާތްގަނޑަކަށް 86 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ލުބްނާނުގެ ގައުމީ އުފެއްދުންތެރިކަމުގެ ޖުމުލަ ނިސްބަތަށްވުރެ 150 ޕަސެންޓް އިތުރު އަދަދެއްކަން، އެ ގައުމުގެ މާލީ ވުޒާރާގެ ރެކޯޑްތަކުން ދައްކައެވެ. 4.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލުބްނާނަކީ، އަވަށްޓެރި ސޫރިޔާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށްލި 1.5 މިލިއަން މީހުންނަށް ރެފިއުޖީންގެ ދަރަޖައާއި ހައްގު އަދާކުރަމުންދާ ގައުމެއްވެސްމެއެވެ. ކަންމިހެން އޮތްއިރު، ލުބްނާނުގެ ސިޔާސީ ލީޑަރުން ބުނަމުންދަނީ، އެގައުމު މިއަދު އިގުތިސޯދީ ތަކުލީފުތަކާ ކުރިމަތިލާންޖެހިފައިވަނީ ރެފިއުޖީންގެ ސަބަބުން ކަމަށެވެ.