މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް އާންމުކުރި މައްސަލައިގެ ތަހުގީގަށް އަޒުރާ ނަސީމް ހާޒިރު ކުރުމަށް އެންގީ އޭނާއަށް ފޮނުވި ޗިޓް ރައްދުކުރެވިފައި ވާތީ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެމްޑީއެން ރިޕޯޓުގެ މައްސަލަ ހުށަހެޅުނު އިރު އެ ރިޕޯޓުގެ ލިޔުނު މުސައްނިފުން ގޮތުގައި ބަޔާން ކޮށްފައިވާ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމުން އެމީހުން ތަހުގީގަށް ހާޒިރު ކުރުމަށާއި މައްސަލައާ ގުޅިގެން ތަހުގީގުގައި ސުވާލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކަށް ތަހުގީގަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާއިރު އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓް ހަވާލުކުރެވިފައި ނުވާ ފަރާތަކަށް ތަހްގީގަށް ހާޒިރުވުމަށް އާންމުކޮށް އިއުލާންކޮށްގެން އެންގިފައިވާ ކަަމަށްވެސް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން ތަހުގީގަށް މައުލޫމާތު ދެވިދާނެކަމަށް ބެލެވޭ އެމްޑީއެންގައި މި ރިޕޯޓު ތައްޔާރުކުރި ދުވަސްވަރު މަސައްކަތް ކުރި ފަރާތްތަކާއި، މި މައްސަލައާއި ގުޅުންހުރި މައުލޫމާތު ހުރި އެކިއެކި ފަރާތްތަކާއެކު ތަހްގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

އެމްޑީއެން އިން އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް އާންމުކުރި މައްސަލައިގެ ތަހުގީގަށް އަޒުރާ ނަސީމް ހާޒިރު ކުރުމަށް ފުލުހުން އަންގާ އިއުލާން ކޮށްފައި ވަނީ މިއަދުއެވެ. މި ކަމާ ގުޅިގެން އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ވަނީ ފުލުހުންނަށް ފާޑުވިދާޅުވެފައެވެ.

ޝަހިންދާ ވިދާޅުވީ، އަޒުރާ ވަނީ މީގެ ކުރިން ވެސް އޭނާ ދިރިއުޅޭ ތަނުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައި ކަމަށާއި، މީގެ އެއް އަހަރު ކުރީއްސުރެން ވެސް، އޭނާއަށް ގުޅޭނެ ނަންބަރު އަޒުރާ ވަނީ، ފުލުހުންނާ ހިއްސާ ކޮށްފައި ކަމަށެވެ.

ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާ ކަމަށް ބުނެ ފުލުހުން ވަނީ، އޭނާގެ ފޮޓޯ އާންމުކޮށްފައެވެ. އަޒުރާ ހޯދަމުން އަންނަނީ އެމްޑީއެން އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިއުކުރި ރިޕޯޓުގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ހިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި އަޒުރާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަހުގީގަށް ސުވާލުކުރުމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އަޒުރާ އަށް އަންގާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 13:00 އަށެވެ.

އެ ރިޕޯޓުގައި އަޒުރާ ލިޔެފައި ވަނީ ރާއްޖޭގެ ދީނީ ޖަމާއަތްތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން އެ ރިޕޯޓުގައި އޭނާ ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ދީނީ ޖަމާއަތްތަކުގެ އިތުރުން ދީނީ އިލްމުވެރިންނާ ގުޅޭގޮތުން ވެސް ވާހަކަތައް ލިޔެފައެވެ.