ސޯޝަލް މީޑިއާއި އެހެނިހެން ތަންތަނުގައި މީހުންގެ ފުރާނައާއި ނަފްސަށް ގެއްލުން ދިނުމަށް ގޮވާލައި އަމަލުތައް ތަކުރާރު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި މީސްމީހުންގެ ފުރާނައާއި ނަފްސަށް ގެއްލުން ދިނުމަށް ގޮވާލައި އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ލިޔުމާއި ކުރެހުމާއި ފޮޓޯތައް އާންމުކޮށް ހަދަމުންދާކަން ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ މި މައްސަލައާ ގުޅުން ހުރި ބައެއް ފަރާތްތަކުގެ ފުރާނައަށް ގެއްލުން ދިނުމަށް ގޮވާ ހަދަމުންނެވެ. ކުރެހުމުންނާއި ފޮޓޯތައް ބޭނުންކޮށް ގެންނާއި ލިޔުމުން މިފަދަ އެތައް ޕޯސްޓެއް އާންމުން ޝެއާ ކުރަމުންދާ ކަން ފާހަގަކޮށް އެކަން މިވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ.
އެމްޑީއެންގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލްގެ ފުރާނައަށް ގެއްލުން ދިނުމަށް ރަށެއްގައި ކުރި މުޒާހަރާގައި ބަޔަކު ގޮވާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް މިދިޔަ ހުކުރު ދުވަހު ވަނީ އެމްޑީއެން އާ ދެކޮޅަށް އިހުތިޖާޖުވެސް ކޮށްފައެވެ. އެގޮތުން ތ. ހިރިލަންދޫގައި އެމްޑީއެންއާ ދެކޮޅަށް އަދި ނަބިއްޔާގެ ދިފާއުގައި އެ ރަށުގެ ރައްޔިތުން ނުކުމެ އިހްތިޖާޖް ކޮށްފައި ވާއިރު އެ ޖަމިއްޔާ އުވާލުމަށް އެދި ޅ. ނައިފަރުގެ ރައްޔިތުންވެސް ވަނީ އިހުތިޖާޖެއް ކޮށްފައެވެ. ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނުކުމެ އެ ރަށްރަށުގެ ރައްޔިތުން ގޮވާލަމުން ދަނީ ދީނަށް ފުރައްސާރަކުރި ޖަމިއްޔާ އުވާލުމަށެވެ.
އެމްޑީއެންއާ ދެކޮޅާށް އަޑުއުފުލާ އިހުތިޖާޖު ހިންގާފައިވާ ރަށްތަކުގެ ތެރޭގައި ޅ. ނައިފަރު، ނ. މާފަރު، ރ. ހުޅުދުއްފާރު، ރ. އަނގޮޅިތީމު، ހއ. ކެލާ ގެ އިތުރުން ތ. ހިރިލަންދޫ، ތ. ވިލުފުށި ހިމެނެއެވެ.
އެމްޑީއެން އުވާލުނުލައި ލަސްވުމުގެ ޝަކުވާތައް ސަރުކާރަށް އަމާޒު ވަމުން ދާއިރު ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ އިތުރުން ދީނީ އިލްމުވެރިން ވެސް އެމްޑީއެންއާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. މީގެ އިތުރުން ސަރުކާރުގެ އިސް ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނާއި އިދިކޮޅު ކޯލިޝަންގެ ބޭފުޅުންވެސް ހިމެނެއެވެ.