ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ މައިގަނޑު ސިޔާސަތުތަކަށް އިސްލާހެއް ގެނެސްފިއެވެ.

އެތާނީ ޖެނެރަލް އޮފީހުން ބުނީ، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުތަކަށް މިއަދު އިސްލާހެއް ގެނެސްފައިވާ ކަމަށެވެ.

އެ ގެނައި އިސްލާހަކީ "ތަހްގީގު ކުރުމާއި ބަންދުގައި ބެހެއްޓުން" މި ސުރުހީގެ ދަށުން ހަތަރު ވަނަ ނަންބަރުގެ ފަހަތަށް ފަސް ވަނަ ނަންބަރުގެ ގޮތުން ބައެއް އިތުރު ކުރެވިފައި ކަމަށް އޭޖީން ބުނެއެވެ. އެގޮތުން، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު ކޮށްފައިވާ އަމުރު، ކޮންމެ 20 ދުވަހަކުން ޕްރޮސެކިއުޓާ ޖެނެރަލް މުރާޖާ ކުރަމުން ގެންދިއުން ހިމެނެއެވެ.

މީގެ އިތުރުން، ބަންދުގައި ބަހައްޓާ މީހާ ވަކި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީއަށް ފެންނަ ހާލަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅުން ހިމެނެއެވެ. އެގޮތުން މި ފަދަ މައްސަލަތަކުގައި ކުރާ މަސައްކަތުގެ ތަފްސީލު ބަޔާންކޮށް ހާއްސަ ރިޕޯޓެއް އެކުލަވާލައި، އަހަރަކު ދެފަހަރު ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓު ހިއްސާކުރަމުން ގެންދިއުމަށް އެ އިސްލާހުގައި ވަނީ ހިމަނާފައެވެ.