ބޭ އޮފް ބެންގޯލްގައި އެކަހެރިކޮށް އޮންނަ ރަށަށް ބަދަލުވުމަށް، ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ އެތައް ހާސް ރެފިއުޖީންނެއް މިހާރު އެއްބަސްވުމަކަށް އައިސްފައިވާކަމަށް ބަންގްލަދޭޝްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޗަކަޔާއި މަޑުން ހެދިފައިވާ މިރަށަކީ ފެންބޮޑުވުމުގެ ބޮޑެތި ކާރިސާތަކެއް ހިނގުމުގެ ނުރައްކާ އޮތް ރަށެއް ނަމަވެސް، ބަންގްލަދޭޝްގައި ދިރިއުޅެމުންދާ އެތައް ސަތޭކަ ހާސް ރެފިއުޖީންނެއްގެ ތެރެއިން 100000 އެއްހާ ރެފިއުޖީން އެ ރަށަށް ބަދަލު ކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ބޭނުންވެގެން އުޅޭތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ.

މިޔަންމާގެ ރާހީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރުގެ އޯގަސްޓް މަހު ހިންގި ލާއިންސާނީ ޖަރީމަތަކާ ގަތުލުއާންމުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ހިޖުރަކުރި 700000 އެއްހާ ރެފިއުޖީންގެ އިތުރުން، އޭގެ ކުރިންވެސް މިޔަންމާއިން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ތިބި ރެފިއުޖީންނާއެކު، ބަންގްލަދޭޝްގައި ތިބި މިޔަންމާގެ ރެފިއުޖީންގެ އަދަދު މިލިއަނަކަށް އަރައެވެ.

މި ރެފިއުޖީން ބަންގްލަދޭޝްގައި ދިރިއުޅެމުންދަނީ ކޮކްސް ބާޒާރު ސަރަހައްދުގައި، އިންތިހާއަށް ނިކަމެތި ހާލުގައި، އަސާސީ އިންސާނީ ހައްގުތަކުންވެސް މަހްރޫމުވެގެން ކަމުގައިވީ ނަމަވެސް، އެމީހުން ދަނީ އެނބުރި މިޔަންމާއަށް ދިއުމަށް ފަސްޖެހެމުންނެވެ. ނަމަވެސް ރެފިއުޖީންގެ ކަންކަން ބެލެހެއްޓުމަކީ ދާއިމީ ކަމެއްގެ ގޮތުގައި ކުރެވޭނެ ކަމެއް ނޫންކަމަށް ބަންގްލަދޭޝްއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ބަންގްލަދޭޝްގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނަރު މެހްބޫބު އައްލާމް ވިދާޅުވީ، ބަޝާން ޗާރުގެ ނަމުން ނަންދީފައިވާ ރަށަށް ރެފިއުޖީން ރީލޮކޭޓް ކުރުމުގެ މަސައްކަތް ވިލަރެސް ކުރުމަށްޓަކައި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ރެފިއުޖީން ފޮނުވާލެވޭނެ ކަމަށެވެ. ނަމަވެސް ރެފިއުޖީން ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ސީދާ ތާރީހެއް ކޮމިޝަނަރު އަދި ހާމަކުރައްވާފައެއް ނުވެއެވެ.