އދ. ފުށިދިއްގާގައި ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅޭ، ވޯކް ޕާމިޓް ނެތް ބައެއް ކަަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިހާރު ޓުއަރިޒަމްނ މިނިސްޓްރީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަހީދު ވިދާޅުވީ، އދ. ފުށިދިއްގާގައި ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީންނަކީ ވޯކް ޕާމިޓް ނެތް ބައެއް ކަމަށާއި އެތަނުން އެކަކަކީ ފިލައިގެން އުޅޭ ބިދޭސީއެއް ކަމަށެވެ.
ފުލުހުން ބުނީ، އެރަށަށް މިއަދު ފުލުހުން ދިޔައިރު ތިބީ ބަންގްލަދޭޝް ދެ ފިރިހެނުން އެކަނި ކަމަށެވެ. އެ ދެމީހުންގެ އަތުގައިވެސް އެއްވެސް ރަސްމީ ލިޔުމެއް ނެތް ކަމަށާއި އޭގެތެރެއިން އެކަކީ ގަވާއިދާ ހިލާފަށް ފިލައިގެން އުޅޭ ބިދޭސީއެއް ކަމަށް އިމިގްރޭޝަނަށް ރިޕޯޓް ކޮށްފައިވާ މީހެއް ކަމަށެވެ. ދެވަނަ މީހަކީވެސް އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް އުޅޭ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
ފުށިދިއްގާގެ މައްސަލަ ކޯޓުތަކުގައި މިހާރުވެސް ހިނގަމުންދާ އިރު އެރަށުގައި ބަޔަކު ދަނީ ވިޔަފާރި ކުރަމުންނެވެ. ރަށުގައި ބަންގްލަދޭޝް ދެމީހަކު ބައި ތިއްބައިގެން ގެސްޓުން އަރުވާއިގެން ގެސްޓު ވިޔަފާރި ދަނީ ކުރަމުންނެވެ. އެރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މިއަދު ޓުއަރިޒަމް މިނިސްޓްރީގެ ތަހުގީގު ޓީމަކާއި ފުލުހުން ވަނީ އެރަށަށް ގޮސް، ބަލާ ފާސްކޮށްފައެވެ.
އެރަށް ބަލާ ފާސްކުރި އިރު އެރަށުގައި ތިބީ ދެބިދޭސީން ކަމާއި ޓޫރިސްޓުން ހިދުމަތް ދީފައިވާކަން އެނގޭނެ ރެކޯޑުތަކާއި އެހެނިހެން ތަކެތި ހުރިކަން މިހާތަނަށް ވަނީ ފާހަގކުރެވިފައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ގާނޫނާ ހިލާފަށް ކަންތައްތައް ކޮށްފައިވާ ކަން މިހާރު ވަނީ ފާހަގަކުރެވިފައި ކަމަށް ވިދާޅުވަމުން އަލީ ވަހީދު ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީން ދީފައި އޮތް ލައިސަންސެއް އަދި އެއްވެސް ފަރާތަކާ އެކުގައި އެރަށާ ގުޅިގެން އެގްރީމެންޓެއްވެސް ހެދިފައި ނުވާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ، އެރަށުގައި ތިބި ދެ ބިދޭސީންނަކީ އަހްމަދު ހަލީލުގެ ފަރާތުން އެތާ ތިބި ބައެއް ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާދަމާ އިރުއޮއްސި 6:00 ގެ ކުރިން އެރަށުގައި ތިބި މީހުން ރަށުން ބޭލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުންގެ ހުއްދައާ ނުލާ އެރަށަށް އެއްވެސް ފަރާތަކަށް ނުދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުށިދިއްގާއަކީ، 2011 ވަނަ އަހަރު ޓުއަރިޒަމް ތަރައްގީ ކުރުމަށް ނިންމާ އިއުލާނު ކުރި ރަށެކެވެ. އެރަށަށް އެންމެ ފުރަތަމަ ކުރިމަތިލީ މ. ހަސްތީ އަހުމަދު ޚަލީލެވެ. އޭނާއަށް އެރަށް ސަރުކާރުން އެވޯޑު ކުރި ނަމަވެސް ސަރުކާރުން އެގްރީމެންޓެއް ނުހަދައެވެ. އޭގެ ފަހުން އެރަށް އެޗްއެމްއެޗްއައި ޕްރައިވެޓް ލިމިޓެޑަށް ވިއްކާލިއެވެ. ރައީސް ޔާމީނުގެ ވެރިމަމުގައި ހިންގި މި މުއާމަލާތް ކޮޅެއްގައި ނުޖެހި އުޅެނިކޮށް އަނެއްކާ އެރަށް ދެވަނަ ފަރާތަކަށް ވަނީ ވިއްކާލާފައެވެ. އެއީ މޯލްޑިވިއާނާ ކިޔާ ކުންފުންޏެކެވެ. ނަމަވެސް މިއިން އެއްވެސް ރަށަކަށް އެއްވެސް ސަރުކާރަކުން އެގްރީމެންޓެއް ހަދާފައެއް ނުވެއެވެ.