ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ޖިންސީ އެދުން ފުއްދުމަށް ބޭނުންކުރާ ބޭސްތަކެއް ނައްތާލައިފިއެވެ.

ކަސްޓަމްސުން ބުނީ، އެ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބޭސް ނައްތާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކ.ތިލަފުށީގެ ސައިޓްގައި ކަމަށެވެ. އަދި އެތަކެތި ނައްތާލާފައި ވަނީ ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމްސުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ނައްތާލެވުނު ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

އަދި ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 އާއި 423 އާއި 424 ވަނަ މާއްދާގެ ދަށުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސުން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތިވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށް ކަސްޓަމްސުން ބުނެއެވެ.

ކަސްޓަމްސުން ނައްތާލި ތަކެތީގެ ތެރޭގައި 833 ލީޓަރުގެ އަލްކަހޯލާއި، ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ 843 ތަކެއްޗާއި، ބޭހުގެ ގޮތުގައި ބޭނުންކުރާ 13208 ގުޅަ ބޭހުގެ އިތުރުން 949 ސްޕްރޭ ފުޅި ހިމެނެއެވެ.