އދ ފުށިދިއްގާ އާ ގުޅިގެން ފެންމަތިވެފައިވާ މައްސަލަތައް ބަލަން ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ފުށިދިއްގާއަށް އަރައިފިއެވެ. ފުލުހުން ވަނީ މިކަން ޔަގީން ކޮށްދީފައެވެ. ފުލުހުން ބުނީ އެރަށަށް އެރީ، އެރަށާ ގުޅޭ ގޮތުން މީޑިއާ އަދި ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކާ ގުޅޭ ގޮތުން އެކަން ތަހުގީގު ކުރުމަށް ކަމަށެވެ.

އދ. ފުށިދިއްގާގައި ހިންގަމުންދާ ކަންކަން އެންމެ ފުރަތަމަ ސަމާލުކަމަށް ގެނައީ "ދަ ޕްރެސް" ނޫހުންނެވެ. އެރަށުގައި 2 ބިދޭސީއަކު ބައިތިއްބައިގެން ގެސްޓް ވިޔަފާރި ހިންގާކަން ހާމަ ކުރުމާއެކު ކަމާބެހޭ ފަރާތްތަކުން އެރަށަށް އަރާ މައްސަލަ ބަލަމުން ދާއިރު އެ ރަށަކީ، 2011 ވަނަ އަހަރު ޓޫރިޒަމް ތަރައްގީ ކުރުމަށް ނިންމާ އިއުލާނު ކުރި ރަށެކެވެ. އެރަށަށް އެންމެ ފުރަތަމަ ކުރިމަތިލީ މ. ހަސްތީ އަހުމަދު ޚަލީލެވެ. އޭނާއަށް އެރަށް ސަރުކާރުން އެވޯޑު ކުރިނަމަވެސް އެގްރީމެންޓެއް ސަރުކާރަކުން ނުހަދައެވެ. އޭގެ ފަހުން ސަރުކާރުން އެރަށް އެޗްއެމްއެޗްއައި ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް ވިއްކާލައެވެ. ރައީސް ޔާމީނުގެ ވެރިމަމުގައި ހިންގި މި މުއާމަލާތް ކޮޅެއްގައި ނުޖެހި އުޅެނިކޮށް އަނެއްކާ އެރަށް މޯލްޑިވިއާނާ ކިޔާ ކުންފުންޏަކަށް ވިއްކާލައެވެ.

އެއް ރަށް 3 ފަރާތަކަށް ވިއްކާލި ރަށުގެ މައްސަލަ ކޯޓުތަކުގައި މިހާރުވެސް ހިނގަމުންދާ އިރު އެރަށުގައި ބަޔަކު ދަނީ ވިޔަފާރި ކުރަމުންނެވެ. ރަށުގައި ބަންގްލަދޭޝް ދެމީހަކު ބައިތިއްބައިގެން ގެސްޓުން އަރުވާއިގެން ގެސްޓު ވިޔަފާރި ދަނީ ހިންގަމުންނެވެ. އެ ވިޔަފާރި ހިންގި މީހަކީ އެ ރަށް އެންމެ ފުރަތަމަ ސަރުކާރުން އެވޯޑު ކުރި މ. ހަސްތީ އަހުމަދު ޚަލީލެވެ. އޭނާ ވަނީ އެކަން، "ދަ ޕްރެސް" އަށް ދިން އިންޓަވިއުއެއްގައި ހާމަ ކޮށްފައެވެ.

"ބިޑްކޮށްގެން ލިބުނީމައި ސަރުކާރުން ސޮއި ނުކުރި، ކޯޓަށް ދިޔައިމަ ކޯޓުން އަމުރު ކުރީމައިވެސް ސަރުކާރުން ސޮއި ނުކުރި، ސޮއިނުކޮށް ބާއްވާފައި އެރަށް އެހެން ދެބަޔަކަށް އަދީބު އިރުގައި ވިއްކާލީ، އެ މައްސަލަގަނޑުގެ ތެރޭގައި ބައްދަލު ކުރިން ސީދާ ޔާމީނާވެސް، ބުނި މިހާރު ވިއްކާފަ ތިބި ދެމީހުންގެ ލާރި ދައްކާލާށޭ، އަޅުގަނޑު ބުނިން އަޅގަނޑަކަށް ނުޖެހޭނޭ ބައެއްގެ އެއްޗެއް ޒިންމާ ވާކަށް، ދެން މިއަދާ ހަމައަށްވެސް އެއްވެސް މުއައްސަސާއަކުން ނާންގައި ރަށުން ފައިބާކަށް، އަނެއްކާ އަށެއްކަ އަހަރުވެފައި އޮތް ދިރިދިރި އޮތް ކޯޓު އަމުރެއް އޮއްވައި އަޅުގަނޑަށް އެކަން ކުރެވެން ވާނެނުން"
ހަލީލް

ހަލީލު ބުނީ އެރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޑިސެމްބަރު 1، 2011 ގައި ސަރުކާރުން ހުޅުވާލުމުން އޭނާ ހުށަހެޅި ހުށަހެޅުމާ އެއް ގޮތަށް ސަރުކާރުން އެރަށް އޭނާއަށް ދޭން އެއްބަސްވި ކަމަށެވެ. އަދި އެރަށް ވަކި ކުރިކަން މިއަދާ ހަމައަށްވެސް އަންގައި، ސަރުކާރުން އޭނާއަށް ލިޔުމެއްވެސް ފޮނުވައިފައި ނުވާކަމަށެވެ.

އދ ފުށިދިއްގާ ގައި ހިންގަމުންދާ ވިޔަފަރީގެ މުއާމަލާތްތަކުގެ ވާހަކަ "ދަ ޕްރެސް" ގެ ފަހުން އެހެން ބައެއް ނޫސްތަކުގައިވެސް ތިލަ ކުރި އިރު، އެރަށުގައި ބަޔަކު ވިޔަފާރިއެއް ހިންގާކަން ޓޫރިޒަމް މިނިސްޓްރީއަށް ނޭނގޭކަމަށް ބުނެފައި ވެއެވެ.

ފުށިދިއްގާގައި ގެސްޓް ވިޔަފާރި ހިންގާ އިރު އެ ރަށުގައި ތިބި މީހުން ބުނީ ރަށަށް އަރާ ކޮންމެ މީހަކަށް އޯވަނައިޓް ނުކުރަންޏާ ނަގަނީ 5 ޑޮލަރު ކަމަށާއި އޯވަނައިޓް ކުރަންޏާ ނަގަނީ 10 ޑޮލަރެވެ. އެވްރެޖްކޮށް މަހަކު 4000 އެއްހާ ޑޮލަރު ނަގައެވެ. އެއީ މަހަކު 400 އެއްހާ މީހުންނެވެ. ސީޒަން ދުވަސްވަރު ދެތިން ދުވަހެއް ފިޔަވައި ކޮންމެ ދުވަހަކީ އޯވާބްކް ވެފައި އޮންނަ ދުވަހެކެވެ. ސީޒަން ތެރޭގައި ދުވާލަކު 20-30 މީހުން ރަށަށް އަރާކަމަށް ބުނެއެވެ. އެހެން ކަމަށް ވާނަމަ ސީޒަންގައި 12000 އެއްހާ ޑޮލަރު ލިބޭނެއެވެ.

ރާއްޖޭގައި ފުށިދިއްގާ ކަހަލަ ކިތަންމެ ފަޅުރަށެއްގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންދާ ކަމުގެ މައުލޫމާތުވެސް ދަނީ ލިބެމުންނެވެ.