އެމްޑީޕީގެ ރައީސް ކަމަށް ރައީސް މުހައްމަދު ނަޝީދު ކުރިމަތިލެއްވި އިރު ނައިބު ރައީސް ކަމަށް ދެ ބޭފުޅުން ކުރިމަތި ލައްވައިފިއެވެ.
އެމްޑީޕީން ބުނީ، އެމްޑީޕީގެ ލީޑާޝިޕް އިންތިހާބުގައި 2019 ގައި ވާދަކުރުމަށް ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާއިރު ނައިބު ރައީސް ކަމަށް، މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އާއި އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުގެ ލީޑަރު އަދި މަޖިލީސް މެންބަރު އަސްލަމް ވާދަކުރައްވާ ކަމަށެވެ.
އެމްޑީޕީގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ނަޝީދުގެ ފޯމާ ހަވާލުވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރެވެ. ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވީ އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބައެއްގެ ސޮޔާ އެކުއެވެ.
ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު ކުރިމަތި ލައްވާފައި ވުމުން، ނައިބު ރައީސް ހޮވުމުގެ އިންތިހާބު ފޯރިގަދަވާނެ ކަމަށް ބެލެވޭއިރު އަސްލަމާއި ޝިފާޒު ވެސް ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވަމުންނެވެ.
މި އިންތިހާބު އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ.