ސްޕެއިންގެ މައި ސަރުކާރުން ވަކިވުމަށް ބާސެލޯނާގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ކެޓަލޯނިއާގެ ރައްޔިތުންނާ، ސަލާމަތީ ބާރުތަކުގެ ރަޔަޓް ފުލުހުންނާ ދެމެދު އަނެއްކާވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިންގައިފިއެވެ.

ސްޕެއިންގެ މައި ސަރުކާރުން ކެޓަލޯނިއާ ވަކިކުރުމަށް ވަކާލާތުކުރަމުންދާ ލީޑަރުން ޖަލަށް ލީ މައްސަލާގައި އާންމު ހަޅުތާލެއް ފަށާ، މާސިންގާ މުޒާހަރާއެއް ރާވައިގެން ހިންގުމާއެކު މުޅި ސިޓީގެ ހަރަކާތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ސްޕެއިންގެ ފުލުހުން ލަފާކުރި ގޮތުގައި ހުކުރު ދުވަހުގެ މުޒާހަރާތަކުގައި އެކަނިވެސް 500000 ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ހުކުރު މުޒާހަރާތަކާ ގުޅިގެން 17 މީހަކު ހައްޔަރުކޮށްފައިވާއިރު، 60 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައްވެސް ލިބިފައެވެ. ސްޕެއިންގެ ދާހިލީ ވުޒާރާ ހިންގެވުމާ ހަވާލު ހުންނެވި އޮފިޝަލު ވިދާޅުވާ ގޮތުގައި، ފާއިތުވީ 5 ވަރަކަށް ދުވަހަށް ދިގުލާ ގޮސްފައިވާ މުޒާހަރާތަކުގައި މިހާތަނަށް ހައްޔަރު ކުރެވުނު މީހުންގެ އަދަދު، ގާތްގަނޑަކަށް 130އަށް އަރާކަމަށެވެ.

ސްޕެއިންގެ މައި ސަރުކާރުން ވަކިވުމަށް ބާސެލޯނާ ސިޓީގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: ސްކައި ނިއުސް

މުޒާހަރާގެ އިސް ސަފުގައި ހަރަކާތްތެރިވާ ލީޑަރަކު ވަނީ، ވަކިވެގަތުމަށް މަސައްކަތްކުރާ ލީޑަރުން ޖަލަށް ލީ ކަމުގައި ވީ ނަމަވެސް މުޒާހަރާގެ ރޫހަށް ބަދަލު ނާންނާނެކަމަށް ބުނެފައެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިވަގުތު ހުންނެވި ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް ވަނީ ތަކުލީފުތައް ކުރިމަތިކޮށް ޖެއްސުންކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވޭނެކަމުގެ އިންޒާރު ދެއްވާފައެވެ.

ސްޕެއިންގެ މައި ސަރުކާރާ ދެކޮޅަށް މޫނު ނިވާކޮށްގެން މުޒާހަރާއަށް ނިކުތް ބަޔަކު ވަނީ ބާސެލޯނާގައި ހުންނަ ފުލުހުންގެ މައި އިދާރާ ކައިރީގައި ހަމަނުޖެހުން ހިންގާފައެވެ. އެގޮތުން ރަޔަޓް ގިޔަރުގައި ތިބި ފުލުހުންނާ ދިމާލަށް ގަލާ ދަޅު ފަދަ ތަކެތި އުކާ ހެދުމުގެ އިތުރުން، މަގުތަކަށް ކުނިވަށިގަނޑުތައް ނެރެ، އެ ތަކެތީގައި ހުޅުޖަހާ ހާދައިވާކަމަށް ޚަބަރު ލިބެއެވެ. މި ހަމަނުޖެހުންތަކަށް ފުލުހުން ރައްދު ދިނީ ކަރުނަ ގޭހާ، ރަބަރު ވަޒަނުގެ އިތުރުން ފެންބަޑީގެ ބާރުގެ ބޭނުންކޮށްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުޒާހަރާތަކާއެކު މުޅި ސިޓީ ހުއްޓުމަކަށް

ސްޕެއިންއަކީ ވިލާތަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށްވީ ނަމަވެސް، މުޒާހަރާތަކުގެ ސަބަބުން ފަތުރުވެރި ބައެއް މަންޒިލްތައްވެސް ވަގުތީ ގޮތުން ބަންދުކުރަންޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން މިމަހުގެ 26 ވަނަ ދުވަހު ބާސާއާއި ރިއާލް މެޑްރިޑާ ދެމެދު ކުޅެން ހަމަޖެހިފައިވާ ފުޓުބޯޅަ މެޗެއްވެސް މިހާރު ވަނީ ފަސްކޮށްފައެވެ. ފުޓުބޯޅަ ފޭނުން އެމެޗަކަށް އިންތިޒާރުކުރަމުންދާ 'އެލް-ކްލެސިކޯ' މެޗު ކުޅެން ހަމަޖެހިފައި އޮތީ ބާސެލޯނާގެ ދަނޑުގައެވެ. އެހެންކަމުން މިމެޗު ފަސްކުރީ، މައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ ރައްޔިތުން، މަދަނީ ބަސްނޭހުމަކަށް ހިނގައިދާނެ ކަމުގެ ބިރަށްޓަކައި ކަމަށް ޚަބަރު ލިބެއެވެ.

ކެޓަލޯނިއާ މުޒާހަރާގެ ސަބަބަކީ ކޮބާ؟

މައި ސަރުކާރާ ދެކޮޅަށް ކެޓަލޯނިއާގެ ރައްޔިތުން މުޒާހަރާކުރަން ފެށި އެންމެ ބޮޑު ސަބަބަކީ، މީގެ 1000 އެއްހާ އަހަރު ކުރިއަށް ވަކި ތާރީހެއް އޮތް އެސަރަހައްދުން ހޯދާ ގިނަ އަދަދެއްގެ ފައިސާ، ސްޕެއިންގެ ފަގީރު ހިސާބުތަކަށް ހަރަދުކުރާ މައްސަލާގައެވެ.

ޓެކްސްގެ ގޮތުގައި އޮތް މި ފައިސާ ހަރަދު ކުރަމުންދަނީ މެޑްރިޑްގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށެވެ. ކެޓަނޯލިއާ ސަރަހައްދަކީ ނިސްބަތުން މުއްސަނދިން ގިނަ ސަރަހައްދަކަށް ވާއިރު، 7.5 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ކެޓަލޯނިއާ ސަރަހައްދުގައި އަމިއްލަ ބަހަކާ، ގާނޫނު ހަދާ މަޖިލީހެއްގެ އިތުރުން އަމިއްލަ ދިދައަކާ ގައުމީ ސަލާމެއްވެސް އޮވެއެވެ.